ލޯކަލް ގަވަމެންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުންކަމުގައި ހަމަޖެއްސުމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
މި ބިލް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ.
ރައީސްއޮފީހުން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 18 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް މުއިއްޒު މިއަދު ތަސްދީގުކުރައްވާފައިވާކަމަށެވެ.
މި ބިލަށް ގެނެވުނު އިސްލާހުގެ ތެރޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުންކަމުގައި ހަމަޖެއްސުން ހިމެނެއެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި، ހަރަކާތްތައް ވިލަރެސްކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމަށް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.
މި އިސްލާހުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން އައްޔަނުކޮށް ވަކި ކުރުމުގައްޔާ މުވައްޒަފުންނާ ގުޅޭ އެ ނޫންވެސް ކަންކަމުގައި ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
އަދި އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތިން މުވައްޒަފުންގެ މަގާމުތަކަށް އޮނިގަނޑު އެކުލަވާލާ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާ ފާސްކުރަންވާނެކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ރައީސްއޮފީހުން ބުނީ މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އޮނިގަނޑު އެކުލަވާލާ ފާސްކުރުމަށް ޓަކައި ސިވިލް ސާވިސް ކޮމިޝަނަށް އޮތޯރިޓީން ހުށަހަޅަންޖެހޭނެ ކަމަށެވެ.
މީގެއިތުރުން ސިވިލް ސާވިސް އިން 15 ދުވަހުގެ ތެރޭގައި އޮނިގަނޑު ފާސްކުރުމަށް އަދި އެ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ނިންމަންވާނެކަމަށް ވެސް މި ބިލަށް ހުށަހެޅުނު އިސްލާހުގައި ހިމަނާފައިވާކަމަށް ރައީސްއޮފީހުން ވަނީ ބުނެފައެވެ.
މި ބިލް ރައީސް ތަސްދީގުކުރައްވާ ގެޒެޓުގައި ޝާއިއުކުރުމާއެކު މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަންަ ފަށާފައިކަމަށް ރައީސްއޮފީހުން ވަނީ ބުނެފައެވެ.
