ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ސިވިލް ސާވަންޓުންގެ ގަވާއިދަށް މިހާރަކަށް އައިސް ގެންނަމުންދާ އިސްލާހުތަކުގެ ސަބަބުން މުޅި ނިޒާމު ހަރާބުވަމުންދާ ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މޭޔަރު ނިޒާރު މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ދިނުމުގައި އެންމެ އިސްކޮށް އުޅެނީ ސިވިލް ސާވިސްގެ ހީވާގި މުވައްޒަފުން ކަމަށެވެ. އެހެންކަމުން، އެ މުވައްޒަފުންގެ މަސައްކަތްތަކާއި އުސޫލުތައް ހަރުދަނާކޮށް ހިފެހެއްޓުމަކީ ފެންވަރު ރަނގަޅު އަވަސް ހިދުމަތެއް ދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މުވައްޒަފުންނަށް ދެވޭ ޗުއްޓީ އާއި އެހެނިހެން ލުއިތައް ގިނަވުމުގެ ސަބަބުން، ސިވިލް ސާވިސްގެ ޖުމްލަ 25 ޕަސެންޓު މުވައްޒަފުންގެ ބޭނުން އެދެވޭ ގޮތެއްގައި ނުކުރެވޭ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި އެންމެ ފަހުން ގެނައި އިސްލާހާއެކު، ސަރުކާރު އޮފީސްތަކުގެ މަސައްކަތު ގަޑި ދެން ފެށޭނީ ހެނދުނު 08:30 ގައިކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ މި ގައުމުގައި އިންތިޒާމީ ފުރިހަމަ އުސޫލްތައް ހަމައެކަނި ހިފެހެއްޓިފައިވާ ސިވިލް ސާވިސް ހަލާކުވެ ދިޔުމަކީ ހިތާމަކުރަންޖެހޭނެ ހާލަތެއްކަމަށެވެ.

ނިޒާރު މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ، ސިވިލް ސާވަންޓުންނަށް ދިމާވާ ހާއްސަ ހާލަތްތަކާ ގުޅިގެން އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކުގައި ގަޑިނުޖެހޭ ގޮތަށް އިތުރު 30 މިނެޓު ލިބޭ ގޮތަށް ސިވިލް ސާވިސް ގަވާއިދު އިސްލާހުކުރުމާ ގުޅިގެންނެވެ. މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި ގޭގައި ތިބެގެން ވެސް މަސައްކަތް ކުރެވޭނެ އިންތިޒާމު މި އިސްލާހުގެ ދަށުން ވަނީ ހަމަޖައްސާފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިހާރު އަމަލުކުރަމުންދާ 2014 ގެ ގަވާއިދަށް 11 އަހަރުވެފައިވާއިރު، މިހާތަނަށް މި ގަވާއިދަށް 19 އިސްލާހެއް ވަނީ ގެނެސްފައެވެ.