ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަންގެ ވަބާ ފުހެލުމުގައި އެންމެ އިސް ދައުރެއް އަދާކުރެވެން އޮތީ ސިވިލް ސާވިސް މުވައްޒަފުންނަށް ކަމަށާއި، އެކަން ކާމިޔާބުވެއްޖެނަމަ ރައްޔިތުންގެ ފައިސާއަށް ފުރިހަމައަށް އަމާނާތްތެރިވެވޭނެ ކަމަށް ތައުލީމާއި، މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުން ވާހަކަދައްކަވަމުން، މިނިސްޓަރު ވަނީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމުގައި ސިވިލް ސާވެންޓުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮންމެ ސަރުކާރެއް ބަދަލުވި ނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ޒިންމާ އޮތީ ސިވިލް ސާވިސްގެ އަތްމަތީގައެވެ.

ރާއްޖޭގެ ސިވިލް ސާވިސްގައި މަސައްކަތްކުރާ 35,000 އެއްހައި މުވައްޒަފުންނަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ ބައެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އާބާދީގެ ކޮންމެ 15 މީހަކަށް މުވައްޒަފަކު ހުރިއިރު، ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ ލަސްނުވެ ހިދުމަތް ލިބުން ކަމަށެވެ. އަދި އޮފީސްތަކަށް ހާޒިރުވުމުގައި ފަރުވާތެރިވެ، އަވަސް ޚިދުމަތެއް ދިނުމަކީ އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ކޮރަޕްޝަންގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަފީއު ވިދާޅުވީ، މާލީ ކޮރަޕްޝަންތަކަށް މަގުފަހިވަނީ އިދާރީ ހިންގުމުގެ ތެރެއިން އަންނަ ބަލިކަށިކަމެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން، ސިވިލް ސާވެންޓުން ޕްރޮފެޝަނަލްކޮށް މަސައްކަތްކޮށް، އިދާރީ ކޮރަޕްޝަން ނައްތާލައިފިނަމަ، ރައްޔިތުންގެ ފައިސާއިން ދޭ ހިދުމަތްތަކަކީ އެންމެ އެކަށީގެންވާ، ހިތްހަމަޖެހޭ ހިދުމަތްތަކަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޕްރޮފެޝަނަލިޒަމްއާއެކު، އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަން ނައްތާލެވިއްޖެނަމަ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ޚިދުމަތެއް ބޭނުންވާ ރައްޔިތުންގެ ފައިސާއިން އެންމެ ހިތްހަމަ ޖެހޭ ފަދަ ޚިދުމަތެއް ދެވޭ ފަދަ އޮފީސްތަކަށް، އަޅުގަނޑުމެންގެ އޮފީސްތައް އިރާދަކުރެއްވިއްޔާ ވެގެންދާނެ،"
ޑރ. ޝަފީއު

މިނިސްޓަރު ވަނީ، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ދެފުށް ފެންނަ ގޮތަކަށް ހިދުމަތް ދިނުމުގެ ނިޒާމެއް ގާއިމުކޮށް، އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް ގޮވާލައްވާފައެވެ.