އެމްޑީޕީ މެންބަރުކަމުން ވަކިކޮށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ޓިކެޓު އަތުލީ ގޯސްކޮށް ކަމަށާއި، އެކަމާ ގުޅިގެން ދައުވާ ކުރަން ޖެހޭ މީހުންނަށް ދައުވާ ވެސް ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެންބަރެއް އަދި ކެންޑިޑޭޓެއްގޮތުގައި ހުންނެވި ޖާބިރު މުޖުތަމައުގެ އާއްމު މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް އަމަލު ކޮށްފައިފައިވާކަމަށް ބުނެ އެ ޕާޓީން އޭނާ ވަކިކުރީ އިއްޔެއެވެ.

އެމްޑީޕީގެ މި ނިންމުމާ ގުޅިގެން ޖާބިރު ވިދާޅުވީ ކަށިދޫ ދާއިރާއަށް ވާދަކުރަން ޓިކެޓު ދިނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެމްޑީޕީން ވަކިކުރި ނަމަވެސް އިންތިހާބުގައި ވާދަކޮށް ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ޖާބިރު ވިދާޅުވީ މިއީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ނިންމި ނިންމުމެއް ކަމަށާއި އަދި މިކަމާ ގުޅިގެން އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ނިންމުން ނިންމި ގައުމީ މަޖިލީހުގެ މެންބަރުންނަށް ދައުވާ ކުރާނަކަމަށެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައިވެސް ޖާބިރު ވަނީ ވާދަކުރައްވާފައެވެ. އެހެންނަމަވެސް އެ ފަހަރު އިންތިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން ފަހުން އޭނާ ވަނީ އެ ދާއިރާގެ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރައްވާފައެވެ. އަދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ޖާބިރު ވަނީ ކާމިޔާބުކުރައްވާފައެވެ.