ކުށަށް އިއުތިރާފުވުމުންވެސް އަދަބު ލުއި ނުކޮށްދިނުމުން ހިތްހަމަ ނުޖެހޭ ކަމަށް އދ. ދަނގެތީގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ މަރާލި ކަމަށް ސާބިތުވެ، ހުކުމްކޮށްފައިވާ ޝާ އަލޮމް މިއާ (ސާލިމް) ބުނެފިއެވެ.

މަރުގެ މައްސަލަތަކުގައި ހުކުމް ކަށަވަރު ކުރުމުގެ ތިން މަރުހަލާއެއް ކުރިއަށްދާއިރު އެ މައްސަލާގެ ހައި ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ ކްރިމިނަލް ކޯޓުން ސާލިމްގެ މެރުމަށް ކޮށްފައިވާ ހުކުމަކީ ސައްހަ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.

ސާލިމް ވަނީ އެއްބަސްވެ، މިހާތަނަށް އެއްބާރުލުން ދީފައިވާތީ އެއްވެސް ލުޔެއް ދެވެން އޮތް ނަމަ އެ ލުއި ދިނުމަށް އެދިފައެވެ.

ސާލިމްގެ ވަކީލު ކޯޓަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅިގެން ފަނޑިޔާރުން ސުވާލުކުރުމުން ވަކީލު ވަނީ އޭނާއާ ސާލިމްއާ ދެމެދު މައްސަލައާ ގުޅޭގޮތުން ދެކެވިފައިވާ ވާހަކަތައް ހިއްސާ ކުރައްވާފައެވެ. އެކަމާ ނުރުހުންފާޅު ކުރައްވައި ފަނޑިޔާރުން ވިދާޅުވީ ވަކީލާ މުވައްކިލާ ދެމެދު މައްސަލައާ ގުޅިގެން ކުރެވޭ މަޝްވަރާތަކަކީ ހާމަކޮށްގެންވާނެ މައުލޫމާތެއް ނޫން ކަމަށާއި އެކަން ވަކީލަށްވެސް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި ރީތި ގޮތަކީ ތަނާޒުލްވެގެން ދިއުން ކަމަށާއި އެއީ ވަކީލުންގެ ސުލޫކީ މައްސަލައެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ މި މައްސަލާގައި ފޮނުވާފައި އޮތް ސިޓީއިން އެއީ ވަކީލެއް ކަމަށް ހަގީގަތުގައި ގަބޫލުނުކުރެވޭ ކަމަށާއި ވަކީލާއި މުވައްކިލާ ދެމެދު އޮންނަ ގުޅުމަކީ ތިން ވަނަ މީހަކަށް އެނގެންޖެހޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އެއާއެކު ފަނޑިޔާރު ވަނީ މިހާރު ހުރި ވަކީލާއެކު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ސާލިމްއާ ސުވާލުކުރައްވާފައެވެ. ސާލިމް ވަނީ މިހާރު ވަކީލަކު ބޭނުން ނުވާ ކަމަށާއި އިތުރަށް މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންގޮސް އޭނާގެ މައްޗަށް ހުކުމް ކުރެއްވުމަށް އެދޭ ކަމަށް ބުނެފައެވެ.

ތަކުރާރުކޮށް ފަނޑިޔާރުން އެ ސުވާލުކުރުމުންވެސް ސާލިމް ވަނީ އެއްވެސް ބަޔަކަށް ސާލިމް ދިފާއު ނުކުރެވޭ ކަމަށާއި އޭނާގެ ވާހަކަ ބަލައި ނުގަނެވުނު ކަމަށާއި އިތުރު ބަޔަކަށް އުނދަގޫ ނުޖައްސާ ހުކުމް ކުރުމަށް އެދޭ ކަމަށް ބުނެފައެވެ.

ސާލިމް ބުނީ ބިދޭސީއަކަށްވެފައި، ލިޔަން ކިޔަން ނޭނގުމުން ދަށު ކޯޓުގައި ބަސް ނުނަގާ އެއްޗެއް ގައި ސޮއިކުރަން ބުނުމުން ކުރި ކަމަށެވެ. އަދި ދަށު ކޯޓުން ވާހަކަދެއްކުމުގެ ފުރުސަތު ނުދީ ނިންމި ނިންމުމުން އެންބަސީ މެދުވެރިކޮށް ހައިކޯޓަށް ހުށަހެޅި ކަމަށް ސާލިމް ބުނިއެވެ. އެހެންނަމަވެސް އެ ފަދަ މައްސަލައެއް ސާލިމްގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ފަނޑިޔާރުން ވަނީ ބުނެފައެވެ.

ސާލިމް ބުނީ އޭނާއަށް އިއްވާފައިވަނީ 99 އަހަރުގެ ޖަލު ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ތަރުޖަމާކޮށްދިން ތަރުޖަމާނު ބުނެފައިވާ ކަމަށާއި އެހެންނަމަވެސް އޭނާއަށް މަރަން ހުކުމްކުރިކަން އެނގުނީ ޖަލަށް ދިޔަ ފަހުން ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ މި މައްސަަލައާ ގުޅިގެން އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރެން ކަމަށް ނިންމުމަށްފަހުއެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ އޮކްޓޫބަރު 14، 2021 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރު، މަހުމޫދުގެ އާއިލާއިން އޭނާ ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން، އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

އެ މައްސަލާގައި ސާލިމް ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާއަކީ އެ ރަށުގެ ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ. އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް، މަހުމޫދު މަރާލި ގޮތް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ. އަދި މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝާ އަލޮމް މިއާ ވަނީ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދަގަނޑަކުން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށާއި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް އިއުތިރާފު ވެފައެވެ.

ސާލިމް އިއުތިރާފްވުމުން، އަވަސް ނިޔާއިން އަޑުއެހުން ވަނީ ކުރިއަށްގެންގޮސްފައެވެ. މަހްމޫދުގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާތީ ސާލިމްގެ މައްޗަށް މަރުގެ ހުކުމް އިއްވީ ފެބްރުއަރި 27، 2022 ގައެވެ.