އިންޑިއާ ސިފައިން ރާއްޖޭގެ މަސްދޯނިފަހަރަށް ހަތިޔާރާ އެކު އެރުމުގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ޗައިނާގެ ރިސާޗް ކަނޑު އުޅަނދުފަހަރުގެ މައްސަލައިގައި އާންމުންނަށް މައުލޫމާތު ސާފުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، އިންޑިއާގެ ސިފައިން ހަތިޔާރާ އެކު ތިން މަސް ދޯންޏަކަށް އެރި މައްސަލައާއި، ޗައިނާގެ ރިސާޗް އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ސުވާލު އުފެދޭ ގޮތަށް ހަރަކާތްތެރިވަމުންދާ ކަން އެކި މީޑިއާތަކުގައިވާ ކަން ފާހަގަކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، އެހެން ނަމަވެސް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން އާންމުންނަށް މިކަމާ ގުޅުންހުރި ސާފު މައުލޫމާތު ހިއްސާނުކުރާ ކަމަށާއި، އެހެންވެ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ މެދު ކަންބޮޑުވުން އޮތް މައްސަލައަކަށް ވެފައި ސަރުކާރުން މިކަމާ އަޅާނުލާ ތިބުމަކީ ސަރުކާރުގެ މަސްއޫލިއްޔަތުތަކާ ހިލާފުވުން ކަމަށް ގަބޫލުކުރެވޭތީ މި މައްސަލަ ހުށަހެޅުއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އަށް ބަހުސްކުރަން ފެންނަ ކަމަށް، ވޯޓުގައި ބައިވެރިވި 54 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ

މިދިޔަ ބުދަ ދުވަހު ހއ. ދިއްދޫގެ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ 'އަސުރުމާ 03' ނަމަކަށް ކިޔާ ދޯންޏަކަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އެރި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ އިތުރުން އެ ސަރަހައްދަށް ދިޔަ 'މާހޯރާ 3' އާއި 'ނިރު 7' އަށް ވެސް އިންޑިއާ ސިފައިން އެރި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓްކުރުމެއް ނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާ އިން ބޯޑުކޮށް ހިންގި އޮޕަރޭޝަނުގެ ތަފްސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި 01 ފެބްރުއަރީ 2024 ގައި ވާނީ ރަސްމީކޮށް ދަންނަވައިފައެވެ." މިދިޔަ ހުކުރު ދުވަހުގެރޭ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދަންވަރު 12 ޖަހާކަން ހާއިރު 'މާހޯރާ 3' މަސް ދޯންޏަށް އިންޑިއާގެ ސިފައިން އަރައި ޗެކުކޮށް، އެ ދޯނީގައި ތިބި މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށް، ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިން ބުނެފައިވެއެވެ. އެ ޖަމިއްޔާ އިން އޭގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ، ބުދަ ދުވަހު 'އަސުރުމާ 3' ދޯންޏަށް އިންޑިއާ ސިފައިން އެރި އެރުން ކުށްވެރިކޮށް، އެކަން ތަހްގީގުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.

މީގެ އިތުރުން ޗައިނާގެ ސާވޭ އުޅަނދެއް ކަމަށްވާ "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖެ އަންނަން ދަތުރު ފެށުމުން އެ އުޅަނދަކީ ޗައިނާގެ ޖާސޫސީ އުޅަނދެއް ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައި ސަރުކާރުން ވަނީ ޗައިނާގެ މި ކަނޑުމަތީ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ އަށް އެދިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މި އުޅަނދުން ރާއްޖޭގެ ކަނޑުމަތި ސާވޭކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.

އެ ބަޔާނުގައި ސަރުކާރުން ބުނީ، ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކުވެރި ބޭރު ގައުމުތަކުގެ ކަނޑުމަތީ އުޅަނދުފަހަރަށް ރާއްޖޭން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށާއި، އެގޮތުން ބޭރު ގައުމުތަކުގެ އަސްކަރީ އުޅަނދުފަހަރާއި އަމިއްލަ އުޅަނދުފަހަރަށް ވެސް ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަނދަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިފަދަ ކޮންމެ ކަމެއްގައި ވެސް ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާއި ކަމާގުޅޭ ގާނޫނުތައް ރާއްޖޭން ދަމަހައްޓާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.