ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން، އިއްވެވުމަށް މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު އެހެން މެންބަރަކާ ހަވާލުކުރަން ޖެހޭކަމުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޕީއެމް/ޕީއެންސީން އިން ހުށަހަޅާފައި ވާއިރު، އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މިއަދު ވަނީ އެ ދެބޭފުޅުންނަށް ފޮނުވާފައެވެ. އެހެންކަމުން އެކަމަށް އިޝާރަތް ކުރައްވާ ތޯރިގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާދަމާގެ މަޖިލީހުގެ ރިޔާސަތު ރައީސް އަސްލަމް އަދި ނައިބު ސަލީމްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވާ 5 މެންބަރުންނާ ހަވާލުކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ ކުރިން މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް މައްސަލަ ހުށަހެޅުމުން ކަން ހިނގައިދިޔަ ގޮތް ހާމަކުރައްވަމުން ތޯރިގު ވިދާޅުވީ އޭރު އެ މަނިކުފާނުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމާއެކު ރިޔާސަތުން ދުރަށް ޖެހިވަޑައިގަތް ކަމަށެވެ. އެހެންކަމުން ޑިމޮކްރަސީއަކީ އެމީހަކާ ޖެހުނީމަ އެއްލާލައި އެއްޗަކަށް ނުހެއްދެވުމަށް ތޯރިގް ވަނީ ގޮވާލައްވާފައެވެ.

19 ވަނަ މަޖިލީހުގައި ފުރަތަމަ މަޖިލީހުގެ ރައީސަކަށް ހުންނެވި ކުރީގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންވެސް އޭރު މަޖިލީސް ހުއްޓި ގިނަ ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. އެހެންކަމުން މާދަމާ ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ ހެނދުނު 09:00 ގައި ކުރިއަށް ގެންދިއުމަށް އެޖެންޑާކޮށްފައިވީ ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ފަރާތުން ގިނަ ގޮންޖެހުންތައް ދިމާވާނެކަމަށް ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.