އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިސްވެރިން ބައިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

އޭސީސީން އެދިގެން މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުގެ އެޖެންޑާގައި އޮތީ އޭސީސީގެ މަސައްކަތްތައް ނިންމުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ކޮމިޓީއާ މަޝްވަރާކުރުމެވެ.

މި ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަންޖެހޭ ވަކި ހާއްސަ ސަބަބެއް ހާމަކޮށްފައި ނުވާއިރު މި ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުالله ޝަރީފެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހްމަދު އައިފާނެވެ. ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ބައްދަލުވުން ސިއްރުކުރަން ނިންމިއިރު މި ކޮމިޓީގައި 11 މެންބަރުން ތިއްބަވައެވެ. އެގޮތުން ކޮމިޓީގައި ތިއްބަވަނީ ޕީއެންސީގެ 8 ގެ މެންބަރުންނާ، އެމްޑީޕީގެ ދެ މެންބަރުންނާއި، އަދި ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

އޭސީސީން ހިންގާ ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާ، ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ލަސްވާ މައްސަލައިގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު މި ފަދަ މައްސަލަތަކުގައި ދައުލަތާއި، އާންމު ރައްޔިތުންގެ މަސްލަހަތުތަކަށް އުނިކަން އަންނަމުންދާކަމަށް ޕީޖީއިންވެސް ވަނީ ބުނެފައެވެ.