މީގެ ކުރިން ހިނގާފައިވާ ގައުމީ ސަލާމަތަށް ގެއްލުންވާ ފަދަ ކަންކަން ނުބަލާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ޔާމީން ވާހަކަފުޅު ދައްކަވާފައި ވަނީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދެއްކެވި ބޭފުޅަކާ ސުވާލު ކުރައްވަމުންނެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާއަކީ، އެ ޕާޓީގެ ނަމުގައި އަންނަ މަޖިލީސް އިންތިހާބަށް ނިކުންނަ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ބޭއްވި ޖަލްސާއެކެވެ. އެ ޖަލްސާތައް ކުރިއަށް ގެންދަނީ އޯޑިއަންސްގައި ތިބޭ ފަރާތްތަކުން، ތައާރަފުވާ ކެންޑިޑޭޓާ ގިނަ ސުވާލުތަކެއް ކުރިމަރިކުރާ ގޮތަށެވެ.

ރޭ ރައީސް ޔާމީން އިތުރަށް ވިދާޅުވީ ގައުމުގެ ބޮޑެތި ކަންތައްތައް ރަނގަޅު ކުރަން ބޭނުންނަމަ ހަމައެކަނި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދީފައި، ކޮރަޕްޝަން މައްސަލަ ހައްލުކުރާނަމޭ ބުނުމަކުން ނުފުދޭ ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 5 އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު، އެއަށްވުރެ ކޮރަޕްޓް 5 އަހަރެއް މި ދިވެހި ރާއްޖޭގެ ތާރީހުންގައި ވެސް ނުދެކޭ ކަމަށެވެ.

އަދިވެސް މިއުޅެނީ އެކަމުން އަރައި ނުގަނެވިގެން ކަމަށާއި މިހާރުގެ ރައީސް ވެސް ވިދާޅުވަމުން ގެންދަވަނީ ކަރަޕްޝަންގެ ވާހަކަތައް ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބަހުގެ ހަމަލާއެއް އަމާޒު ކުރެއްވިއެވެ. އެހެންނަމަވެސް މިހާރުވެސް ފެންނަނީ އޭގެ ބައިވަރު ކަންކަމަށް އެޓެންޑް ނުކުރެވި ދާތަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ގައުމުގައި ނިމިދިޔަ ސަރުކާރުތަކުގައި ގައުމީ ސަލާމަތަށް ގެއްލުން ލިބޭ ބޮޑެތި ކަންކަން ހިނގައިގޮސް އެއިން އެއްވެސް ކަމެއް ބަލާ ނުލެވިގެން އުޅެނީ ކީއްވެތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

އިތުރަށް ޔާމީން ވަނީ، ކުރިންވެސް ތަކުރާރު ކުރައްވާ އިންތިހާބު ވަގަށް ނެގި ވާހަކަވެސް ތަކުރާރު ކުރައްވާފައެވެ. އެގޮތުން ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ހަމަ ބޮޑުތަނުން ވަގަށް ނަގާފައިވާ އިންތިހާބެއްކަމަށް ޕީޕީއެމް، ޕީއެންސީގެ ލީޑަރުން ވާހަކަދެއްކެވި ކަމަށާއި މިހާރު އެ ވާހަކަ ނުދައްކަވަާ ކަމަށެވެ. އަދި ދައުލަތުގެ މުވައްސަސާތަކުން އެކަމާ އެއްވެސް ވަރަކަށް މިހާރު ކަންބޮޑު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނީ، މަނީލޯންޑަރިންގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމުގައި ހުންނަވަނިކޮށް ގޭ ބަންދަށް ބަދަލު ކޮށްފައި ވަނިކޮށެވެ.