ތެލަސީމިއާއަށް ހޭލުންތެރި ކުރުމުގެ ގައުމީ ކެމްޕެއިނެއް މިއަދު ފަށައިފިއެވެ.

އެކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ކެމްޕެއިން އިފްތިތާހުކޮށްދެއްވާފައިވަނީ ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ.

ހެލްތް މިނިސްޓްރީއިން ބުނީ ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިންގެ މަގްސަދަކީ ތެލެސީމިއާ އާ ގުޅިގެން ލޭއަޅާ ކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 ޕަސެންޓް ދަށްކުރުން ކަމަށެވެ.

އޭގެ އިތުރުން ގައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމާއި އެ ނިޒާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ތެލެސީމިއާ އާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާ ޓެސްޓްކުރުން އެ ކެމްޕެއިންގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ހެލްތް މިނިސްޓްރީއިން ބުނީ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ކުރިއަށްގެންދާ މި ގައުމީ ކެމްޕެއިންގެ ދަށުން ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ހޭލުންތެރިކުމުގެ ސެޝަން ކުރިއަށް ގެންދާނެ ކަމަށެވެ.

މި ކެމްޕެއިންގެ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ސުކޫލުތަކުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ތެލަސީމިއާއަށް ހޭލުންތެރި ކުރުމާއި ދަރިވަރުން ތެލަސީމިއާއަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހެލްތް މިނިސްޓްރީއިން ބުނީ އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެއެވެ.