ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް ހަދަމުންދާ ޓާމިނަލްގައި ގާއިމު ކޮށްފައިވާ ކޮންޓެކްޓް ގޭޓުތަކުގައި އެއިރޯބްރިޖް ހަރުކުރަން ފަށައިފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އިން ބުނީ ޓާމިނަލް ތެރެއިން ސީދާ މަތިންދާބޯޓަށް އެރޭ ގޮތަށް ކޮންޓެކްޓް ގޭޓުތަކުގައި އެއިރޯބްރިޖްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޓާމިނަލްއެއްގައި މިފަދަ ބްރިޖް ހަރުކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އާ ޓާމިނަލްގަައި 6 ކޮންޓެކްޓް ގޭޓު ގާއިމު ކޮށްފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަައި ހަދަން ފެށި އާ ޓާމިނަލް މަޝްރޫއަކީ ސައުދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕާ ހަވާލު ކުރި މަޝްރޫއެކެވެ. ގާތްގަނޑަކަށް 78،000 އަކަ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ކޮބްޓެކްޓް ގޭޓުތަކުގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: އެމްއޭސީއެލް

މިމަޝްރޫއު ކުރިއަށް ގެންދަނީ މެދުއިރުމަތީގެ ތަފާތު ހަތަރު ފަންޑަކުން ލޯނު ހަމަޖައްސައިގެންނެވެ. އެގޮތުން ކުވައިތު ފަންޑު، އަބޫ ދާބީ ފަންޑު، އޯޕިޑް، އަދި ސައުދީ ފަންޑުން ވަނީ ފައިސާ ހަމަޖައްސާދީފައެވެ. މި ޓާމިނަލް ތަރައްގީ ކުރަނީ އަހަރަކު 7 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

300 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މި މަޝްރޫއު މިއަހަރު ފަހުކޮޅަށް ނިންމާ ބޭނުން ކުރުމަށް އެމްއޭސީއެލް އިން ވަނީ އަމާޒު ހިފާަފައެވެ. މި އެއާޕޯޓުގައި ހަ އެއިރޯ ބްރިޖާއި އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ހުންނާނެއެވެ.