ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ދިން ހަމަލާއަކީ ނުރައްކާވެރި ސިގްނަލެއް ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
ދަ ޑިމޮކްރެޓްސްއިން ބުނީ ޝަމީމަށް މިއަދުގެ ވަގުތެއްގައި މަގުމަތިން ހަމަލާދީފައިވާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ. އަދި ޝަމީމަށް ހަމަލާދީފައިވަނީ މަރުތޭލަކުން ކަމަށް އެގިފައިވާ ކަމަށާއި އެ ހަމަލާ ޝަމީމަށް އަމާޒުކޮށްފައިވަނީ މަގުމަތިންކަމަށްވާތީ އެ ހަމަލާއަކީ ދުރާލައި ރާވައިގެން ދިން ހަމަލާއެއް ކަމަށް ވަނީ ބުނެފައެވެ.
ދަ ޑިމޮކްރެޓްސްއިން ބުނީ ސިޔާސީ ކަންކަމުން އެއްކިބާވެ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި މުހިއްމު މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ގާނޫނުއަސާސީގެ ދަށުން މަތިކޮށް އައްޔަނުކޮށްފައިވާ ދައުލަތުގެ މިފަދަ މަގާމެއް އަދާކުރައްވަމުން ގެންދަވާ ފަރާތަކަށް މިގޮތަށް ދޭ ހަމަލާއަކީ މުޅި ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށެވެ.
ދަ ޑިމޮކްރެޓްސްއިން ބުނީ ޝަމީމަށް ދިން ހަމަލާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދީ، ޒިންމާވާ ފަރާތްތައް އަވަސް ފުރުސަތެއްގެ ތެރޭގައި އިންސާފުގެ ކުރިމައްޗަށް ގެނެސްދެއްވުމަށް ފުލުހަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
ޝަމީމްއަށް ހަމަލާދީފައިވަނީ ހެނދުނު ކަސްތަރުގައި އުޅުއްވަނިކޮށެވެ. އަދި އޭނާގެ ވާއަތަށް ލިބުނު ޒަހަމާއެކު އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފައެވެ.