އިޒްރޭލުގެ މޮސާޑުގެ އިސްވެރިޔާ އާއި ގަތަރުގެ ހާރިޖީ ވަޒީރާއި އެހެން އޮފިޝަލުން ބައިވެރިވެ ފްރާންސްގެ ޕެރިހުގައި އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގެ ޑްރާފްޓަށް ހަމާސް އާއި އިޒްރޭލުން ދައްކަމުން ދަނީ މުޅިން ދެވާހަކައެކެވެ.
މި އެއްބަސްވުން ހަމާސް އިން ދިރާސާ ކުރަމުން ގެންދާ އިރު ހަމާސްގެ އިސް އޮފިޝަލުން ބުނެފައި ވަނީ ހަމަލާތައް ހުއްޓާލައި ގާޒާއިން އިޒްރޭލު ސިފައިން ފޭބުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ. އެ ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވިދާޅުވީ, އިސްކަން ދެއްވަނީ ޔަހޫދީ އުދުވާނު ހުއްޓުވުމާއެކު ގާޒާގެ ހުރިހާ ބިމަކުން ޔަހޫދީން ބޭލުމަށް ކަމަށެވެ. ނުވަތަ ފައިބައިގެން ދިޔުމަށް ކަމަށެވެ.
މި އެއްބަސްވުމާ މެދު އިޒްރޭލުގެ އެތެރެ ކޮއެލުގައި ނުތަނަވަސްކަން އުފެދި ހިޔާލުތަފާތުވުންތައް އުފެދިފައި ވާ އިރު ނަތަންޔާހޫ ބުނެފައި ވަނީ, ގާޒާއިން އެއްކޮށް ފައިބަން އެއްބަސް ނުވާނެ ކަމަށާއި, ބަދަލުގައި އިޒްރޭލުގައި ތިބި އެތައްހާސް ރަހީނުން ދޫކޮށްލަންވެސް އެއްބަސް ނުވާނެ ކަމަށެވެ.
އޭނާ މި މޭރުމުން ވާހަކަ ދައްކާފައި ވާ އިރު އިޒްރޭލުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ އެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދާން ނަތަންޔާހޫ ނިންމައިފި ނަމަ ކޯލިޝަނަލް ރޫޅާލާނެ ކަމުގެ އިންޒާރު ދެމުންނެނެވެ.
އަދި ހަމަ މިވަގުތަކީ, އިޒްރޭލުން ހިފާފައި ވާ ގާޒާގެ އުތުރުގައި ޔަހޫދީން އާބާދު ކުރުމަށް ކުރެހުންތައް ކުރަހާ ޗާޓުތައް ހަދާ އާންމުންނަށް ބައިވެރިވެވޭ ގޮތަށް ބޮޑު ކޮންފަރެންސެއް އިޒްރޭލުގައި ކުރިއަށް ދާ ވަގުތެކެވެ. އެ ކޮންފަރެންސްގައި ޔަހޫދީ ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޒަންވެރި ކުރުވުން އަވަސް ކުރުމަށް ހިތްވަރު ދީފައި ވާ އިރު, ފްރާންސް އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހަމާސް އާއި އިޒްރޭލާ ދެމެދު އެއްބަސްވުމެއް ގާއިމު ކުރުމުގެ މަސައްކަތުގައި ގަތަރާއި މިސްރު މެދުވެރިއެއްގެ ދައުރު އަދާކުރަމުން ގެންދާ އިރު ގަތަރުގެ ހާރިޖީ ވަޒީރު މިވަގުތު ހުންނެވީ އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް އެމެރިކާގައެވެ. އަދި މި ހަފްތާގެ ތެރޭގައި ނުވަތަ ހަފްތާ ނިމޭ ހިސާބުގައި ހަމާސްގެ ލީޑަރު މިސްރަށް ވަޑައިގެން އެއްބަސްވުން ކުރިއަށް ގެންދާނެ ގޮތެއްގެ ފްރޭމްވޯކެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މީގެ ކުރިން ހަމާސް އިން ބުނަމުން ގޮސްފައިވަނީ ސުލްހައިގެ ވާހަކަތަކަށް އަލުން ދާނީ އިޒްރޭލުން ހަމަލާތައް ހުއްޓާލުމުން ކަމަށެވެ. ނަމަވެސް މިހާރު ހުށަހެޅިފައިވާ ޑްރާފްޓުގައި ފަހި ކަންތައްތަކެއް ހުރުމާއެކެ ބަލައި ދިރާސާ ކުރަމުން ދާކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.