މާލޭގެ މަގުމަތިން ހަތަރު ފުރޯޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކޮށްފައިވާ ޕާކިން ޖާގަތަކާ ގުޅޭގޮތުން ޝަކުވާއެއްވާނަމަ، ހުށަހެޅުމުގެ ފުރުސަތު ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ އެފަދަ ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއްވާނަމަ، ކައުންސިލްގެ ވެބްސައިޓުގައިވާ ޝަކުވާ ހުށަހަޅާ ޕޯޓަލް އަދި އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ލިޔުމުން އެކަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ޝަކުވާ ހުށަހެޅުމަށް ހުޅުވާލެވިފައި ވަނީ:

  1. ޕާކިން ސްލޮޓް ލިބުނު މެސެޖަށްފަހު އިތުރު މުއާމަލާތެއް ނުކުރާ ފަރާތްތައް
  2. ޕާކިން ސްލޮޓް ލިބުނުކަން އެންގުމަށްފަހު އެއްބަސްވުން ނަހަދާ ފަރާތްތައް
  3. ޕާކިން ސްލޮޓްތަކާ ގުޅޭ އިތުރު ޝަކުވާތައް

މާލޭގެ ޕާކިން ސްލޮޓްތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް މާލޭގެ މޭޔަރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވަނީ މާލޭގެ ޕާކިން ސްލޮޓްތަކާ ގުޅޭ ޝަކުވާތައް ކެމްޕެއިންގެ ތެރޭގައި ދޮރުން ދޮރަށް ހިންގެވިއިރު، ގިނަ ބަޔަކު ފާހަގަ ކުރި ކަމަށާއި އެ މައްސަލަތައް ބަލާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ސީދާ އާޒިމްއަށް ޝަކުވާ ލިބޭފަދަ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.އެފަދަ މައްސަލަތައް ހުށަހެޅުމަށް ވަރަށް އަވަހަށް ޑެސްކެއް އެކުލަވާލާނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެފަދަ މައްސަލަތައް ބެލުމަށް ޑެސްކެއް އެކުލަވާލާނެ ކަމަށާއި ސިޓީ ކައުންސިލުން ދޭ ނަންބަރަށް ނުވަތަ އީމެއިލްއަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލާ އެކަމަށް ހައްލު ހޯދަ ދެއްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވެފައިވެއެވެ.

އާޒިމް ވިދާޅުވި ގޮތުގައޮ އެކަން ކުރައްވާނީ ކަންކަން ހިނގަނީ ގާނޫނާއި އެއްގޮތަށްކަން ކަށަވަރު ކޮށްދިނުމަށް ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި އެކަން ކުރައްވާނީ ނިމިދިޔަ ދައުރުގައި ހިދުމަތް ކުރި ފަރާތްތަކުން ހަދާފައިވާ ގޯސްތައް ހޯދުމުގެ ނިޔަތުގައި ނޫން ކަމަށެވެ.