މަޖިލީހުގެ 41 ދާއިރާއަށް ވާދަ ކުރާނެކަމަށް އެމްޑީޕީން ވަކިވެވަޑައިން ކުރީގެ ރައީސް ނަޝީދު އިސްކޮށް ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އިން ހާމަކޮށްފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރުމަށް ހުށަހެޅި މެމްބަރުންގެ ނަންތައް އެ ޕާޓީން މިރޭ ވަނީ އިއުލާން ކޮށްފައެވެ.

އެގޮތުން އަންހެން 13 ކެންޑިޑޭޓުންނާއި ފިރިހެން 33 ކެންޑިޑޭޓުން އެކި ދާއިރާތަކަށް ޖުމްލަ 46 މެންބަރުން ކުރިމަތިލާފައިވާ ކަމަށް ޑިމޮކްރަޓުން ބުނެފައި ވެއެވެ. 4 ދާއިރާ ފިޔަވާ އެހެން ދާއިރާ ތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ޓިކެޓު ވަނީ ކަށަވަރު ވެފައެވެ.

ޕްރައިމަރީ ބާއްވަންޖެހެނީ:

  1. ހެންވޭރު ދެކުނު ދާއިރާ
  2. ހުޅުމާލެ ދެކުނު ދާއިރާ
  3. ކަނޑިތީމު ދާއިރާ
  4. ކެލާ ދާއިރާ

އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައި ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރަމަޟާން މަހުގެ 6 ވަނަ ދުވަހެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާނީ މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެއެވެ. އީސީއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވެއެވެ. އެއީ އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.