ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާ ގައި ހިމަނައި މިއަދު 11 ޖަހާއިރު ބާއްވަން ނިންމި ޖަލްސާ މެންދުރު 1 ޖަހާއިރަށް ފަސްކޮށްފިއެވެ.

މިއަދު ގެ ޖަލްސާގެ އެޖެންޑާގަައި އޮތީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އަނބުރާ ކޮމެޓީއަށް ފޮނުވުމާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމެވެ.

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ހިމަނައި އިއްޔެ ވެސް ވަނީ ދައުރުން ބޭރުގައި ޖަލްސާ އެއް ބާއްވަން މަސައްކަތްކޮށްފައެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން ސަރުކާރު ހިންގާ ކޯލިޝަނުން ވަނީ މަޖިލީހުގެ ޖަލްސާގެ ކޯރަމް ގެއްލުވާލާފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި އެމްޑީޕީގެ މެންބަރު އީސާ އާއި ޕީއެންސީގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްއާ ދެމެދު ވަނީ މާރާމާރީއެއްވެސް ހިނގާފައެވެ.

އެއްޔެ ބޭއްވި ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ތިން ފަހަރަށް ވޯޓަށް އަހަން މަސައްކަތް ކުރި ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންނާ އިދިކޮޅު އެމްޑީޕީ މެންބަރުންގެ މެދުގައި އުފެދުނު ހަމަނުޖެހުންތަކާއެކު ޖަލްސާވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ.