ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދުއްވާފައިދިޔަ ވޭނެއް ކޮންޓްރޯލުނުވެ، މަގުމަތީ ހުރި ދަނގަޑު ހޮޅިތަކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެއާޕޯޓުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 7:55 ހާއިރު އެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މިއަދު އެކްސިޑެންޓުވެފައިވަނީ ސަމާ ބީޗް ހޮޓެލްގެ ވޭނެއް ދުއްވަން އިން ޑްރައިވަރު ނިދިގެންނެވެ.

ރާއްޖޭގައި މަގުމަތީ އެކްސިޑެންޓް ހިނގާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިދިޔަ އަހަރު އެކަނިވެސް 211 މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވެއެވެ.