އައިފިލްމްސްގެ ފުރަތަމަ ބިރުވެރި ފިލްމު "ކަންބަޅި" ގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުން ވިއްކަން ފަށައިފިއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) އާއި އަހްމަދު އިފްނާޒް ފިރާގް ގުޅިގެން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގައި އިފްނާޒްގެ އެކްޓިންވެސް ފެނިގެންދާނެއެވެ. ފިލްމުގެ ދެ ޓްރެއިލާއެއް މިހާރު އާންމުކޮށްފައިވާއިރު ދާދިފަހުން ވަނީ ފިލްމުގެ ފުރަތަމަ ލަވައާއި ފިލްމުގެ އާ ޕޯސްޓަރެއް ވެސް އާންމުކޮށްފައެވެ. ފިލްމުގެ ޓިކެޓްގެ އަގަކީ 200 ރުފިޔާއެވެ.

ފިލްމުގެ ލީޑުންގެ ގޮތުގައި ނުޒުހަތު ޝުއައިބު، ވާޝިޔާ މުހައްމަދު، ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އަދި އިފްނާޒް ފެނިގެންދާނެއެވެ. ހަމައެއާއެކު ފިލްމަށް އަލަށް ތައާރަފްވާ އުމުރުން ހަ އަހަރުގެ ސާރާގެ މުހިއްމު ރޯލެއް ފިލްމުން ފެނިގެންދާނެއެވެ. އަދި އިޝްފާން ވެސް މި ފިލްމުން ދިވެހި ފިލްމު އިންޑަސްޓްރީ އަށް ތައާރަފްވެގެންދާނެއެވެ. މި ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނެ މުހިއްމު ތަރިންނަކީ ތާތި އާދަމް، މުޙައްމަދު އަފްރާހް، މޫސާ އަލީފް، ހާޒިފް މުހައްމަދު، އަލީ ނަދީހް (ޗަންނަ)، މުހައްމަދު ނަޖަހް އަހުމަދު ރައޫފް، ހުސައިން ސާމިހް މުހައްމަދު، ވިކީ، ފާތުމަތު ލަތީފާ އަދި ދީނާ އަހްމަދު (ޖެރީ) އެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިއްލެ އާއި އާސިމް އަލީއެވެ. އިއްލެގެ ތިން ފީޗާ ފިލްމެއް ވަނީ މިހާތަނަށް ނުކުމެފައެވެ. އެއީ "ބަވަތި"، "ނީނާ"، "ފްރީ ޑެލިވަރީ" އެވެ. ޝަހީދު ލެގަސީ މިއުޒިކް ހަދާ މި ފިލްމުގެ ކެމެރާމަން އަކީ ސަމާހް އިބްރާހިމް އެވެ.

ފިލްމުގެ ދެވަނަ ޕޯސްޓަރުން ވާޝިޔާ ފެނިގެންދާއިރު އެ ޕޯސްޓަރުގައި ވާޝިޔާ ފެނިގެންދަނީ ރޫހާނީ ބާރެއްގެ އަވަލުމުގައި އިންނަ މަންޒަރެވެ. ބިރުވެރި އެތައް މަންޒަރެއް ފެނިގެންދާ މި ފިލްމުގެ ޓްރެއިލާ އިން ކަންބަޅި އަކީ ކޯންޗެއްކަން ހޯދަމުން އަންނަ މަންޒަރު ފެނިގެންދެއެވެ. އަދި ތަށިއަނބުރާ މަންޒަރުވެސް ފެނިގެންދެއެވެ.

މިއަހަރު ފުރަތަމަ ސިނަމާއަށް ގެނެސްފައިވަނީ އަޒްހާން ގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގް" އެވެ. މި ފިލްމުގައި ލީޑު ތަރިންނަކީ އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފް އެވެ.