ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ހުރަސްއެޅުމުން ކުރިއަށް ނުގެންދެވުނު ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ މިރޭ 8 ޖަހާއިރު ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވަނީ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިކަން ކަށަވަރުކޮށްދީފައެވެ.

މިވަގުތު ގުޅިގެން މަސައްކަތްކުރާ އެމްޑީޕީ އާއި ޑިމޮކްރެޓުން ނިންމީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށާއި، ބަންޑާރަނައިބު އަހްމަދު އުޝާމަށް ރުހުން ނުދިނުމަށެވެ.

އެމްޑީޕީން ދެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުންނުދޭން ނިންމި ނަމަވެސް، ޑިމޮކްރެޓުން ދެން ނިންމީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ.

އެހެންވެ، މިއަދު ވަޒީރުންނަށް ރުހުން ދިނުމަށް ފެނޭތޯ ވޯޓަށް އަހަން މެންދުރުފަހު 1:30 އަށް ތާވަލުކޮށްފައި އޮއްވާ ސަރުކާރުގެ މެންބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައިފައެވެ. އެގޮތުން ތަޅުމުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ، ދުންމާރި ފަދަ ތަކެތިން އަޑުގަދަކޮށް، ބައެއް މެންބަރުންގެ މެދުގައި މާރާމާރީ ހިންގާފައިވެއެވެ.

ބައެއް ވަޒީރުންނަށް ރުހުންނުދޭން އިދިކޮޅުން ނިންމުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ސަރުކާރު ކޯލިޝަނުން އެކަން ސިފަކުރީ ރައްޔިތުންނަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުން ފަދަ ކަމެއްގެ ގޮތުގައެވެ.

"އަދި ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުސަތުދީ ވަޒަންކުރުމެއް ނެތި އެ ބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭން ޖެހޭ އެއްބާރުލުން ނުދިނުން ކަމާއި، އެއީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތަށް ފާޅުގައި ހުރަސްއެޅުން ކަމުގައި ދެކެން،" ކޯލިޝަނުގެ ބަޔާނުގައިވެއެވެ.