ވަޒީރުންނަށް ރުހުންދިނުމާ މެދު ގޮތެއް ނިންމުމަށްޓަކައި މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން ބައްދަލުވުމެއް ކުރިއަށް އެބަ ދެއެވެ.
މިއަދުގެ ޖަލްސާގެ ހުސް ވަގުތުކޮޅުގައި ވަޒީރުންނަށް ރުހުންދިނުމާ މެދު މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުން މަޝްވަރާކުރައްވައި ގޮތެއް ނިންމަވާނެ ކަމަށް، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު 'ދަ ޕްރެސް' އަށް ވިދާޅުވިއެވެ. އެހެންކަމުން ވަޒީރުންނަށް ރުހުންދިނުމާ މެދު އެ ޕާޓީން ނިންމާ ގޮތެއްގެ މައްޗަށް ތްރީލައިން ވިޕެއް ނެރޭނެއެވެ.
އެމްޑީޕީގެ ބައެއް ސިޔާސަތުތަކާ ހިޔާލު ތަފާތުވެ، އެ ޕާޓީ ދޫކުރެއްވި މެންބަރުން އުފެއްދެވި ޑިމޮކްރެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީން އިންތިހާ އަށް ކަންބޮޑުވާ ސިޔާސަތުތަކެއް ސަރުކާރުން ގެންގުޅެ، އެ ސިޔާސަތުތަކަށް އަމަލުކުރަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެހެންކަމުން މަޝްވަރާކުރުމަށް ފަހު ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ޕާޓީގެ މެންބަރުން ނިންމާފައިވާ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނީ، ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމްވެފައި އޮތުމަށް އިދިކޮޅު މެންބަރުން ތިބުން މުހިންމުކަމަށާއި، ސަރުކާރުން އަމަލުކުރަމުންދާ ގޮތްތައް ބަލައި ސަރުކާރާއި ވަޒީރުން ޖަވާބުދާރީކުރުވުމަކީ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް އަމަލުކުރާނީ އެ ގޮތުގެ މަތިން ކަމަށް ޑިމޮކްރެޓުން ބުންޏެވެ.
19 ވަނަ މަޖިލީހުގެ ފަހު ދައުރުގެ ބާކީ އޮތް ދުވަސްވަރު އެކުގައި މަސައްކަތްކުރަން ނިންމާފައިވާ ކަން އެމްޑީޕީ އާއި ޑިމޮކްރެޓުން ހާމަކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.