އާ މައިނޯރިޓީ ޕާޓީ އަކީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ ކަމަށް، މަޖިލީހުގެ ރިޔާސަތުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު ކުއްލި ގޮތަކަށް ޕީއެންސީ އަށް ސޮއިކުރެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ. އޭގެ ފަހުން އިތުރު މެންބަރަކު ވެސް ވަނީ ސޮއިކުރައްވައިފައެވެ. އެ މެންބަރުންނަކީ:

  1. އިބްރާހީމް ޝަރީފް - މަރަދޫ ދާއިރާގެ މެންބަރު
  2. މުހައްމަދު ނިހާދު - ފޭދޫ ދާއިރާގެ މެންބަރު
  3. އަހްމަދު ހައިތަމް - މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު
  4. އަލީ ހަމީދު - އިސްދޫ ދާއިރާގެ މެންބަރު
  5. އަބްދުﷲ ޝަހީމް އަބްދުލްހަކީމް - ކަނޑިތީމު ދާއިރާގެ މެންބަރު
  6. އަބްދުލްޣަނީ އަބްދުލްހަކީމް - ކުރެންދޫ ދާއިރާގެ މެންބަރު
  7. ހަސަން ޒަރީރު - މަތިވެރި ދާއިރާގެ މެންބަރު
  8. އިބްރާހީމް ނަސީރު - މުލަކު ދާއިރާގެ މެންބަރު
  9. އަބްދުލްމުހުސިން ހަމީދު - ނިލަންދޫ ދާއިރާގެ މެންބަރު
  10. އާދަމް އަލީ - މާފަންނު ދެކުނު ދާއިރާގެ މެންބަރު
  11. މުހައްމަދު ރާޝިދު - ކޮމަންޑޫ ދާއިރާގެ މެންބަރު
  12. ހަސަން ޝިޔާން - ތޮއްޑޫ ދާއިރާގެ މެންބަރު
  13. އިބްރާހީމް ޝާޒު - ގުރައިދޫ ދާއިރާގެ މެންބަރު

އޭގެ ދުވަސްތަކެއް ފަހުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު ވެސް ވަނީ ޕީއެންސީ އަށް ސޮއިކުރައްވައިފައެވެ.

އެހެންކަމުން ޕީއެންސީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމާއި، އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ގްރޫޕްގެ ލީޑަރު ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހިމެނިވަޑައިގަންނަވާހެން، 16 މެންބަރަކު މިހާރު އެ ޕާޓީ ތަމްސީލުކުރައްވައެވެ.

ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ، އެމްޑީޕީގެ 12 މެންބަރަކު ޕީއެންސީ އާ ގުޅިވަޑައިގެންނެވިކަން މަޖިލީހަށް ރަސްމީކޮށް އެ ޕާޓީން އަންގާފައިވާ ކަމަށާއި، ޕީއެންސީގެ ދަފްތަރުގައި ވެސް އެ މެންބަރުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ވުމާއެކު އާ މައިނޯރިޓީ ލީޑަރަކީ ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖެވެ.

ނަމަވެސް ޕީއެންސީ އަކީ މައިނޯރިޓީ ޕާޓީކަން އަސްލަމް އިއުލާނުކުރެއްވީ ޝަރީފާއި ހަސަންގެ ނަން ނުހިމަނައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު 'ދަ ޕްރެސް' އަށް ވިދާޅުވީ، ދެ މެންބަރެއްގެ ލިޔެކިއުންތައް ހަމަނުވާތީ އެ މެންބަރުން ޕާޓީ ބަދަލުވިކަން މިއަދު އިއުލާނުނުކުރާ ކަމަށާއި، ޖަލްސާގައި އެކަން އިއުލާނުކުރާނީ ގަވައިދުގައި ބުނާ ހުރިހާ ލިއުމެއް ހުށަހެޅުމުން ކަމަށެވެ.