ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައި، ޑިމޮކްރެޓުން ތްރީލައިން ވިޕެއް ނެރެފިއެވެ.

ވަޒީރުންނަށް ރުހުންދިނުން ތާވަލުކޮށް، މިހާރު ފަށާފައިވާ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ނެރުނު ނޫސްބަޔާނެއްގައި ޑިމޮކްރެޓުން ބުނީ، އެ ޕާޓީން އިންތިހާ އަށް ކަންބޮޑުވާ ސިޔާސަތުތަކެއް ސަރުކާރުން ގެންގުޅެ، އެ ސިޔާސަތުތަކަށް އަމަލުކުރަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މަޝްވަރާކުރުމަށް ފަހު ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާ ކަމަށް، އެ ޕާޓީގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމްވެފައި އޮތުމަށް އިދިކޮޅު މެންބަރުން ތިބުން މުހިންމުކަމަށާއި، ސަރުކާރުން އަމަލުކުރަމުންދާ ގޮތްތައް ބަލައި ސަރުކާރާއި ވަޒީރުން ޖަވާބުދާރީކުރުވުމަކީ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް އަމަލުކުރާނީ އެ ގޮތުގެ މަތިން ކަމަށް ޑިމޮކްރެޓުން ބުންޏެވެ.

މިދިޔަ ބުދަ ދުވަހު އިދިކޮޅު އެމްޑީޕީ އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓުންގެ ރައީސް ހަސަން ލަތީފް ވިދާޅުވީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރަމުންދަނީ ދިވެހިންނަށް ގެއްލުންވާ ގޮތަށް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ، މި ސަރުކާރުގެ އަމަލުތަކާ މެދު ގިނަ ކަންބޮޑުވުން ތަކެއް އެބަ ހުރި ކަމަށެވެ. އަދި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ގިނަ ހައްގުތަކެއް ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ޕާޓީގެވެސް ހުރީ އެއް ކަންބޮޑުވުންތަކެއް ކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، ދެ ޕާޓީން ގުޅިގެން ނިންމީ އެ ކަންކަން ގާތުން ބަލައި ޒިންމާދާރު އިދިކޮޅު ފަރާތެއްގެ ގޮތުގައު މަސައްކަތް ކުރުމަށް ކަމަށެވެ.