މި ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވެފައި ވަނީ ރިސޯޓުތަކަށް ބޭރުގެ މިއުޒިޝަނުންނާއި ފަންނުވެރިން ގެނައުން ފަސޭހަކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ހުށަހެޅުމާ ގުޅިގެން ބައެއް ފަންނާނުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މުނިފޫހިފިލުވުމުގެ މުހިންމުކަން ބޮޑު ނަމަވެސް އެ ދާއިރާއަށް ބޭނުންވާ މިންވަރަށް ދިވެހި ފަންނުވެރިން ނެތްކަން ފާހަގަ ކޮށް މަޓީން ގޮވާލާފައިވަނީ ބިދޭސީ ފަންނުވެރިންނަށް ރިސޯޓުތަކުގައި މަސައްކަތްކުރެވޭ ގޮތް ހެދުމަށެވެ.

މި މައްސަލައާ ގުޅިގެން ފައިސަލް އެކްސްގައި މިރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ފަންނުވެރިންނަށް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އަދި ރައީސްގެ އަމާޒަކީ ދިވެހި ފަންނުވެރިންނަށް ފަތުރުވެރިކަމުގެ ދާއިރާއިން މިހާރަށްވުރެ އިތުރަށް ފަހި ފުރުސަތުތައް ހޯދައިދެއްވުން ކަމަށާއި އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ކަމާ ގުޅުންހުރި ހުރިހާ ބޭފުޅުންނާ ބައްދަލުކުރައްވައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، ރައީސް ޑރ.މުއިއްޒުގެ ލަފާފުޅުގެ މަތިން އެކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެކަަމަށް ފައިސަލް ވިދާޅުވިއެވެ.

"ދިވެހި ފަންނާނުންނަށް ދޭން އޮތް ޔަގީން ކަމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން. ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުޞަތު ހޯދައިދެއްވުމަކީ އެ މަނިކުފާނުގެ އަމާޒު" ފައިސަލް ވިދާޅުވިއެވެ.