މި ސަރުކާރުގެ އާ ވަޒީރުންނަށް ރުހުން ދިނުން ތާވަލުކޮށް، ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ އާދީއްތަ ދުވަހު ބާއްވަން ނިންމައިފިއެވެ.

38 މެންބަރުންގެ ސޮޔާ އެކު ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދިނުމަށް އެދި މަޖިލީހަށް މިއަދު ހުށަހެޅީ އެމްޑީޕީ އާއި ޑިމޮކްރެޓުންގެ ފަރާތުންނެވެ. އެ ދެ ޕާޓީން މިއަދު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ދެ ޕާޓީން ވެސް އެކަން ވަނީ ހާމަކޮށްފައެވެ.

ވަޒީރުންނަށް ރުހުން ދިނުން ހިމެނޭހެން އާދީއްތަ ދުވަހު ބާއްވާ ޖަލްސާ އަށް އިތުރު ތިން މަސައްކަތެއް ތާވަލުކޮށްފައިވެއެވެ. އެއީ:

  • ބައެއް ވުޒާރާތަކުގެ މެންޑޭޓަށް ގެނައި ބަދަލުތައް ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވުން
  • 20 ވަނަ މަޖިލީހުގެ އިންތިހާބު އަވަސްކުރުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އިސްލާހު ހުށަހެޅުއްވުން
  • ސަރުކާރުން ދޫކޮށްފައިވާ ބިންތައް ބިންވެރިންނާ އަވަހަށް ހަވާލުކުރަން ޖެހޭ ގޮތަށް ބިމާބެހޭ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިސްލާހު ހުށަހެޅުއްވުން

މިއަދު ބޭއްވި ޖޮއިންޓް ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ އާއި ޑިމޮކްރެޓުން ބުނީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހެޅި މައިގަނޑު މަގްސަދަކީ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބޭއްވުމަށް ގާނޫނަށް ގެންނަަޖެހޭ އިސްލާހާއި މަޖިލީހުން ނިންމަން ހުރި އިތުރު މަސައްކަތްތައް ކުރުމަށް ކަމަށެވެ.