ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ 1،200 މީޓަރު އަންނަ އާދީއްތަ ދުވަހު ހުޅުވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)އިން ބުނެފިއެވެ.
އާރްއޭސީއެލްއިން ބުނީ ހަނިމާދޫ އެއާޕޯޓްގެ ފުރަތަމަ ހުޅުވުމަށް ހަމަޖެހިފައިވާ 1،200 މީޓަރުގައި މިހާރު ކުރިއަށް ދަނީ ރަންވޭ ލައިޓް ޖެހުމުގެ މަސައްކަތް ކަމަށެވެ. މީގެއިތުރުން އާދީއްތަ ދުވަހު އެ ރަންވޭ ހުޅުވުމާއެކު ދުވާލާއި ރޭގަނޑު ވެސް އެ އެއާޕޯޓްއަށް ފްލައިޓް އޮޕަރޭޝަންސްތައް ކުރިއަށް ގެންދެވޭ ކަމަށް އާރްއޭސީއެލްއިން ބުނެއެވެ.
ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓުގައި އަލަށް ތަރައްގީ ކުރާ ރަންވޭއަކީ 2،460 މީޓަރުގެ ދިގު ރަންވޭއެކެވެ. އާރްސީއެލްއިން ބުނެފައި ވަނީ މުޅި ރަންވޭ (2،460 މީޓަރު)ގެ މަސައްކަތް މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ނިންމާ، 24 ގަޑިއިރު ބޭނުންކުރުމަށް ހުޅުވާލެވޭނެ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓްގެ 2،460 މީޓަރުގެ އާ ރަންވޭއާއެކު އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް ގާއިމްކުރެވިގެން ދާނެ ކަމަށް އާރްއޭސީއެލްއިން ވަނީ ބުނެއެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް މި މަޝްރޫއުގެ ތެރެއިން ގާއިމުކުރެވިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން މި ރަންވޭގެ މަސައްކަތް ނިމުމާއެކު ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ހިދުމަތް ދެވޭނެކަން އާރްސީއެލްއިން ފާހަގަ ކުރެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއަކީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދިޔަ ބިޔަ މަޝްރޫއެކެވެ. އަދި އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދާ މަޝްރޫއެކެވެ.