ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންނުކޮށް ބޭއްވުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ކުރީގެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ، މި މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރީ އިންޓަނޭޝަނަލް ފްލައިޓުތައް އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ކަމަށެވެ. އެގޮތުން އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ ބޯޓުތަކަކީ އިންޑިއާ، ލަންކާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ތައިލޭންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް ޑައިރެކްޓުކޮށް ދަތުރުކުރެވޭނެ ބޯޓުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ މިހާރު ވެސް އެތައް މިލިއަން ފަސިންޖަރުން ދަތުރުކުރުމަށް ބޭނުންކުރާ އެއާޕޯޓުތަކެއް ހުރި ގައުމުތަކެކެވެ.
"ޔޫރަޕާއި، ޗައިނާ އަދި އެހެން މަންޒިލްތަކުގެ ފަތުރުވެރިންނަށް ވެސް އެ އެއާޕޯޓުތަކުން ކަނެކްޓިން ފްލައިޓުތަކުގައި ހަނިމާދޫއަށް ދަތުރުކުރެވޭނެ. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފަސިންޖަރުން އުފުލަނީ ނެރޯބޮޑީ އެއާކްރާފްޓުތަކުގައި،" ފައްޔާޒް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، މިވަގުތު ޑިމާންޑު އެވަރަށް ނެތުމުން ވައިޑްބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް އިންވެސްޓު ކުރުމަކީ އިގުތިސޯދީ ގޮތުން ހަމަޖެހޭ ނިންމުމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ ޑިމާންޑު އުފެދޭ ދުވަހެއްގައި ރަންވޭ އިތުރަށް ބޮޑުކުރުމަށް ބޭނުންވާ ބިން ވެސް ހަމަޖައްސާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓު މަޝްރޫއު ފެށުމާއެކު ބޮޑު ތިލަދުންމަތީގެ ބިމާއި އިންވެސްޓުމަންޓުތަކުގެ އަގު އުފުލިގެން ދިޔަކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން ލޮޖިސްޓިކްސް އަދި ރިއަލް އެސްޓޭޓް ފަދަ ދާއިރާތައް ފުޅާކުރުމަށް އެ އެއާޕޯޓަށް ބައިނަލްއަގުވާމީ ފްލައިޓުތައް ގެންނަން ޖެހޭ ކަމަށެވެ.
މިނިސްޓަރު އަމީން މަޖިލީހުގައި ވިދާޅުވެފައިވަނީ ހަނިމާދޫ އެއާޕޯޓުގެ ރަންވޭގެ ފެންވަރު ހުރި ގޮތުން ބައެއް ބޮޑެތި ބޯޓުތަކަށް ދަތިތަކެއް ހުރި ކަމަށެވެ. ނަމަވެސް ފައްޔާޒް ވަނީ އެ ވާހަކަތަކަށް އިންކާރު ކުރައްވައި، އެއީ އުތުރުގެ އިގުތިސާދީ ކުރިއެރުމަށް މި ސަރުކާރުން ހުރަސްއެޅުން ކަމަށް ސިފަކުރައްވާފައެވެ.
