މިދިޔަ ސަރުކާރުގައި ފަށައި، މި ސަރުކާރުގައި ހުޅުވި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ބޭރުގެ ދިގު ދަތުރުތައް ކުރާ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ނޫން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހަނިމާދޫ އެއާޕޯޓު އަލުން ހުޅުވުމަށްފަހު، އެތަނަށް ޗައިނާ ނުވަތަ ކޮލަމްބޯ ފަދަ މަންޒިލްތަކުން ބޮޑެތި ބޯޓުތައް ނުޖައްސަނީ ކީއްވެތޯ މެންބަރު ގަފޫރު ސުވާލު ކުރެއްވިއެވެ.
މި ސުވާލަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ޑިޒައިންކޮށް، ތަރައްގީކޮށްފައި ވަނީ 'ވައިޑް ބޮޑީ' ނުވަތަ ބޮޑެތި މަތިންދާ ބޯޓުތައް އޮޕަރޭޓް ކުރެވޭ ކެޕޭސިޓީއަކަށް ނޫން ކަމަށެވެ. އެގޮތުން އެއާބަސް A330، A340 ނުވަތަ ބޮއިން 777 މަރުކާގެ ބޯޓުތައް އެ އެއާޕޯޓަށް ނުޖެއްސޭނެ ކަމަށާއި، އެއާޕޯޓު މިހާރު އޮތް ގޮތުން ޗައިނާ ފަދަ ދުރު މަންޒިލްތަކުން ކުރާ ދަތުރުތަކަށް ޚިދުމަތް ނުދެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އެ އެއާޕޯޓަކީ، ޑިޒަން ކުރެވިފައި ވެސް އަދި މިހާތަނަށް ހުޅިވިފައި އެ ހުރީ ނެރޯ ބޮޑީ ކުދި މަތިންދާބޯޓަށް. އެހެންވީމަ ތި ދެއްވި ސަޖެއްޝަން ވޯކެއް ނުކުރާނެ،" މެންބަރު ގަފޫރުގެ ހުށަހެޅުމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓުން ބޮޑެތި ބޯޓުތައް އޮޕަރޭޓް ކުރަން ބޭނުންވާނަމަ، އަލުން 'ރީ-ޑިވަލޮޕްމަންޓް' އަކަށް ދާންޖެހޭ ކަމަށެވެ.
1986 ވަނަ އަހަރު ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ހުޅުވި ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރީ 2012 ގައެވެ. އޭގެ ފަހުން، އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ) ހޭދަކޮށްގެން އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް ފެށީ 2023 ގެ ކުރީކޮޅު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރި 2،765 މީޓަރުގެ ރަންވޭއަކީ A320 އަދި ބޮއިން 737 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ.
މި މަސައްކަތް ނިންމައި އެއާޕޯޓު އަލުން ހުޅުވާފައި ވަނީ ނޮވެމްބަރު 2024 ގައެވެ. އެހެންނަމަވެސް، މިނިސްޓަރުގެ ވާހަކައިން އެނގޭ ގޮތުގައި، މިހާރު އެއާޕޯޓު ތަރައްގީކޮށްފައި އޮތް ގޮތުން ތިލަދުންމަތީގެ ރައްޔިތުން އުންމީދުކުރާ ފަދަ ބޭރުގެ ބޮޑެތި އެއާލައިންތަކަށް ހިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ.
