ދިވެހިރާއްޖޭގެ އެއާޕޯޓުތައް ހިންގާނީ ދިވެހި ކުންފުނިތަކުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިފަދައިން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ކުންފުންޏަކުން ހަވާލުވެދިނުމަށް ރާއްޖެއިން އެދިފައިވާ ކަމަށް ބުނެ އެ ގައުމުގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓު ހިންގުމުގައި އިންޑިއާގެ އެހީތެރިކަމަށް ރާއްޖެއިން އެދިފައިވަނީ އެ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހުއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ އެއާޕޯޓުތަކެއް ބަލަހައްޓައި ހިންގަމުންގެންދާނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދީފައިވާ ދިވެހި އޮޕަރޭޓަރުން ކަމަށެވެ. އަދި އެއާޕޯޓުތައް ހިންގުމުގެ ކަންކަން ބޭރުގެ ބަޔަކަށް ހަވާލުނުކުރާނެ ކަމަށް އަމީން ވަނީ ވިދާޅުވެއެވެ.

ސަރުކާރުގެ ސިޔާސަތަަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ވެސް ދިވެހި ކުންފުނިތަކުން ހިންގުން ކަމަށާއި އެ ސިޔާސަތައް އެއްވެސް ބަދަލެއް ނުގެނެސް އެ ގޮތުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިހުންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އަމީން ވަނީ ދެއްވާފައެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހަނިމާދޫ އެއާޕޯޓު ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ އާ ޓާމިނަލަކާއެކު އެއާޕޯޓު ހުޅުވިއިރު، އެ ޓާމިނަލަކީ އޭ 320 އަދި ބޮއިން 737 މަރުކާގެ ފްލައިޓްތަކަށް ހިދުމަތް ދެވޭ ފެންވަރަށް ތަަރައްގީކޮށްފައިވާ ރަންވޭއެއްކަން ފާހަގަކުރެވެއެވެ.