މާލޭގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ގާއިމްކުރާ ފެސިލިޓީ ފަރުކޮޅުފުށްޓަށް ބަދަލުކޮށް، ޕެޓް ކެއާ ފެސިލިޓީ އާ އެކު ބުޅާ ފެސިލިޓީ ގާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ބުޅަލުގެ އުނދަގޫ ބޮޑުވެ، ރައްޔިތުންގެ ޝަކުވާތައް ލިބެމުން ދާތީ އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ފެސިލިޓީ އެއް ހެދުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ޖޫން 7، 2021 ގައި އިއުލާނުކުރެއްވީ، ރައީސް އަދި މާލޭގެ އޭރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

އެކަމަކު ވެޓް ކްލިނިކަކާ އެކު ބުޅަލަށް ހާއްސަ ފެސިލިޓީ އެއް ގާއިމްކުރަން ކައުންސިލުން ފާސްކުރީ އޮގަސްޓު 31، 2022 ގައެވެ. އޭގެ ފަހުން ބުޅާތައް ބަލަހައްޓަން ވަގުތީ ފެސިލިޓީ އެއް މަސްވެރިންގެ ޕާކުގައި ހުންނަ އިމާރާތުގައި ގާއިމްކުރުމަށް މިދިޔަ މޭ މަހުގެ ކުރީކޮޅު ކައުންސިލުން ނިންމި ނަމަވެސް، އެ މަޝްރޫއުގެ އަމަލީ މަސައްކަތެއް އަދި ނުފަށައެވެ.

ރައީސް އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ޕެޓް ކެއާ ފެސިލިޓީއެއް ގާއިމްކުރުމަށް ރަނގަޅުކަމާއި، ފަރުކޮޅުފުށީގައި އެ ފެސިލިޓީ ގާއިމްކުރުން ރަނގަޅު ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ފެސިލިޓީ ގާއިމްކުރުމަށްޓަކައި ފަރުކޮޅުފުށީގައި ބިމެއް މިހާރު ހަމަޖެހި، އެ ތަނުގައި މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އަދި މާލެ ސިޓީ ކައުންސިލާއި އެނިމަލް ވެލްފެއާ މިނިސްޓްރީ އާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ފަރުކޮޅުފުށީގައި ގާއިމްކުރެވޭ ފެސިލިޓީން ބައެއްގައި ބުޅާ ފެސިލިޓީ ގާއިމްކޮށް، މާލޭގައި އުޅޭ ބުޅާތައް އެތަނަށް ބަދަލުކޮށް ބުޅަލަށް ހިޔާވަހިކަން ދޭން ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެކަމަކު މިކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް އޭނާ ނުދެއްވައެވެ.