ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

އެކަން ހާމަ ކުރެއްވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ހުށަހަޅާފައި ވަނީ މިނިސްޓްރީ އޮފް ސިޓީ ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް އަދި ސޯޝަލް މިނިސްޓްރީ ގުޅިގެންނެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ހަދަން ޖެހޭ ސާވޭއެއް ހަދާ އެ މައުލޫމާތު އެއްކުރުމާ ގުޅޭ ގޮތުން ހުށަހެޅުނު ކަރުދާހެެއް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ގައުމެއް ތަރައްގީވެ ކުރިއަރައި ދާއިރު، އެ ފަރާތްތަކަށް ސަމާލުކަން ދޭންޖެހޭކަން އެ ކަރުދާހުގައި ފާހަގަކޮށްފައިވާ ކަމަށާއި އެ ކަރުދާހާމެދު މަޝްވަރާކޮށް ލޯކަލް މިނިސްޓްރީގެ ދަށުން މުޅި ރާއްޖޭގައި މިހާރު ލިބިފައި ހުރި މައުލޫމާތު އިތުރަށް ތަރައްގީ ކުރުމަށް ނުވަަތަ އިތުރު މައުލޫމާތު ހޯދާ ދެނެގަތުމަށްޓަކައި، ސާވޭއެއް ކުރިއަށް ގެންދިއުމަށް ނިންމުނު ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ އެ ސާވޭ ޕްލޭން ކުރުމުގައި މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވާމެންޓްގެ ފަރާތުން ދައުލަތުގެ ކަމާ ގުޅުން ހުރި އެހެން އިދާރާތައް ޝާމިލްވާ ގޮތަށް އެކުލަވާލެވޭ ޓެކްނިކަލް ޓީމަކުން މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކުދި އާބާދީތަކާއި ބޮޑެތި އާބާދީތަކަށް ރިއާޔަތްކޮށް ފަސޭހައިން އަވަހަށް މިކަން ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ނިންމާފައި ވާއިރު، އާބާދީގައި 1،000އަށްވުރެ މަދު މީހުން ތިބޭ އާބާދީތަކުގެ ސާވޭ ކުރިއަށް ގެންދާނީ ރަށުގެ ކައުންސިލްގެ އިރުޝާދާ އެހީތެރިކަމާއެކު އެބޭފުޅުންގެ ފަރާތުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެއަށްވުރެ ބޮޑެތި އާބާދީތަކުގައި ވޮލެންޓިއަރުންގެ އެހީތެރިކަމާއެކު ސާވޭ ކުރިއަށް ގެންދިއުމަށް އުސޫލެއް ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސާވޭއިން އެއްކުރެވޭ މައުލޫމާތުގެ އަލީގައި ދައުލަތުގެ ނިޒާމުގެ ތެރެއަށް މިހާރު ވަދެފައިނުވާ (ހަވާސްވެފައިވާ) ދޮށީ އުމުރުގެ މީހުން (އަޅާލަންޖެހޭ ހާލަތެއްގައި ތިބި ފަރާތްތައް) އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށް ދެނެގަނެ އެ ފަރާތްތަކަށް ފުރަތަމަ މަރުހަލާގައި ވެސް ދޭންޖެހޭ އެހީތެރިކަމަކީ ކޮބައިކަން ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓުން ފޯރުކޮށްދޭނެ ނިޒާމެއް ކަނޑައެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުގައި ނިންމާފައިވާކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ދޮށީ އުމުރު ފުރާގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ބަލާ ޓްރެކް ކުރެވޭނެ ސޮފްޓްވެއާއެއް އަޕްގްރޭޑް ކުރުމުގެ ކަންކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓުން ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ކަންކަން މޮނިޓާ ކުރުމަށް މިހާރު ވެސް އެކުލަވާލާފައިވާ އިބަމަ ނިޒާމު ހަރުދަނާކޮށް ރިފާ ކުރެވޭނެ ގޮތަށް އިތުރަށް ހަރުދަނާ ކުރާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.