ވިލިމާލޭގެ މަގުތައް ހެދުމުގައި ވިލިމާލޭ މަގުތަކުގެ ފެހިކަން ހިމާޔަތް ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މުއްތަލިބް މިފަދައިން ވިދާޅުވެފައިވަނީ ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާއިރު، ވިލިމާލޭގެ މަގުތަކުގައި ހުރި ގަސްތައް ނަގައިފާނެ ކަމަށް ބުނެ އެ ރަށުގައި ދިރިއުޅޭ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން މުއްތަލިބް ވިދާޅުވީ ވިލިމާލޭގެ މަގުތައް ހަދާނެ ގޮތް ޑިޒަންކުރުމުގެ ކުރިން ސަރުކާރުން ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ. އަދި މި މަޝްރޫއުގެ މަގްސަދަކީ ވިލިމާލޭގެ މަގުތަކަކީ އަމާން އަދި ފަސޭހަކަމާއެކު ދަތުރުފަތުރުކޮށް ހިނގާބިނގާވެ އުޅެވޭނެ މަގުތަކަކަށް ހެދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުއްތަލިބް އިތުރަށް ވިދާޅުވީ ވިލިމާލޭ މަގުތަކުގެ ފެހިކަން ހިމާޔަތްކުރުމަކީ ނުވަތަ ދެމެހެއްޓުމަކީ މި މަޝްރޫއުގެ ތެރޭގައި ހިމަނާފައިވާ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ވިލިމާލެ މަގު ހެދުމުގެ ކުރިން ހަދަންޖެހޭ ސާވޭތަކާއި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) މި މަހުގެ 4 ވަނަ ދުވަހު ވަނީ އާރްޑީސީއާ ހަވާކޮށްފައެވެ. އާރްޑީސީއަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 1.79 މިލިއަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އާރްޑީސީއިން ހިންގާ ސާވޭތަކުގައި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު އޮޅުންފިލުވައި، ތަރައްގީ ކުރަންވީ ހިސާބުތައް ދެނެގެނެވިގެންދާނެ ކަމަށް މުއްތަލިބް ވަނީ ވިދާޅުވެފައެވެ. އަދި އަމާޒަކީ ވިލިމާލޭގެ ރައްޔިތުން ހިތްހަމަ ޖެހޭނެފަދަ ގޮތަކަށް އެ މަޝްރޫއު ކުރިޔަށް ގެންދިއުން ކަމަށް ވެސް އޭނާ ވިދާޅުވެފައެވެ.