ގއ. ވިލިނގިލިން ބަލި ހާލަތު ގޯސްވެގެން މާލެއަށް ގެނައުން ލަސްވެގެން މަރުވި އުމުރުން 13 އަހަރުގެ މުހައްމަދު ޖާހް ހާލިދަށް ސަރުކާރުން އިހުމާލުވި ކަމަށް ބުނެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.
އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެކުއްޖާ ނިޔާވި ހިތާމައިގައި އެ އާއިލާއާއެކު ބައިވެރިވާ ކަމަށާއި އަވަހަށް ފަރުވާ ލިބެން ޖެހޭ ކުއްޖާ އެމަޖެންސީކޮށް އުފުލުމުގައި ކަންހިނގާފައިވާ ގޮތާމެދު ސަރުކާރުން މިހާތަނަށް ހާމަކުރި ވާހަކަތަކުން ވެސް އެކަމުގައި އިހުމާލުވާކަން އެނގެން އޮތް ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ފުރިހަމަ ގޮތުގައި އަދި ވެސް ލިބެން ނެތުމާއެކު، ބަލިހާލަތު ބޮޑުވުމުން މާލެ ގެނައުން ލާޒިމުވެފައިވާކަން އަބަދުވެސް އިނގެން އޮތް ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ. ބަލިމީހުން އެމަޖެންސީކޮށް އުފުލޭނެ އިންތިޒާމަކީ އެންމެ ޔަގީންކަމާ އެކު ހަމަޖެހިފައި އޮންނަން ޖެހޭނެ ނިޒާމް ކަމަށް ވެސް އެ ޕާޓިން ބުނެއެވެ. ނަމަވެސް އެންމެ ފަހުން ހިނގި ހިތާމަވެރި ހާދިސާއިން އެކަން އެހާ އިތުބާރާ އެކު ހަމަޖެހިފައި ނުވާކަން އެނގޭ ކަމަށް އެ ޕާޓިން ބުނެއެވެ
އެ ހާދިސާގައި އިހުމާލުތަކެއް ވާކަން މިހާތަނަށް ސަރުކާރުން ހާމަކުރެއްވި މައުލޫމާތުން އިނގޭތީ، އެކަމުގެ ފުރިހަމަށް ތަހުގީގެއް ހިންގައި، އެކަމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ޑިމޮކްރެޓުން ވަނީ ގޮވާލާފައެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެ ކަން ކަށަވަރު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކުގެ ޕްރޮސީޖާތަކާއި، ޕޮލިސީތަކާއި އަދި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެނައުމަށް ވެސް ވަނީ ގޮވާލާފައެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ، ގްރޭޑް 7 ގައި ކިޔަވަމުން ދިޔަ އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާ އެންމެ ފުރަތަމަ ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހޮޑުލުމާ ގުޅިގެންނެވެ. އަދި ބޭސް ދިނުމަށްފަހު ޑޮކްޓަރު އެކުއްޖާ ގެއަށް ދޫކޮށްލި ފަހުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކުއްޖާގެ ހާލުދެރަވުމާ ގުޅިގެން އަނެއްކާވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެ ކުއްޖާ އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކުއްްލިއަކަށް ނޭވާ ހުއްޓުމުގެ ސަބަބުން ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. އިތުރު ފަރުވާ އަށް އެ ކުއްޖާ މާލެ ފޮނުވުން ވެންޓިލޭޓަރަށް ލަސްވުމުން އެ ރަށުގައި އިހްތިޖާޖު ވެސް ކޮށްފައިވެއެވެ.
މި ހާދިސާގައި އެ ކުއްޖާ މާލެއަށް ނުގެނެވި ލަސްވި ސަބަބާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން ފާޅު ކުރާ އިރު، ޑޯނިއާ މަތިންދާ ބޯޓު ބޭނުން ނުކުރީ ކީއްވެތޯއާއި މޯލްޑިވއިަންގެ ފްލައިޓެއް ހަމަނުޖެއްސުނީ ކީއްވެތޯ އާހާފައި ވެއެވެ. އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެފައި ވަނީ މީގެ ތިން އަހަރުކުރިން ފެށިގެން، ގިނަ ބަލިމީހުން އުފުލުމުގެ މަސައްކަތްކުރީ ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ކަމަށާއި، ބަލިމީހުން އުފުލުމަށްޓަކައި ރައީސްގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށެވެ.
ހަމައެއާއެކު މި ހާދިސާ ފެންމަތިވުމާއެކު އަންނަ މާޗް މަހު އެއާއެމްބިއުލާންސްގެ ހިދުމަތް ފަށަން ތައްޔާރުވަމުންދާ ކަން ތަކުރާރުކޮށް ސަރުކާރުގެ ވަޒީރުން އަންނަނީ ސޯޝަލް މިޑިއާގައި ހާމަކުރަމުންނެވެ. މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު ވެސް ވަނީ މޯލްޑިވިއަންގެ އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަން ފާހަގަ ކުރައްވާ އެމަޖެންސީ ހާލަތުގައި ބަލި ޟިހަކު އުފުލަން ޖެހިއްޖިއްޔާ ފްލައިޓުގެ ޝެޑިއުލަށް ބަލިމީހާ އުފުލުން އިސްކަމެއް ދީގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަން ވެސް ހިއްސާ ކުރައްވާފައެވެ.