މީގެ ތިން އަހަރުކުރިން ފެށިގެން، ގިނަ ބަލިމީހުން އުފުލުމުގެ މަސައްކަތްކޮށްފައި ވަނީ ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ކަމަށާއި، ބަލިމީހުން އުފުލުމަށްޓަކައި ރައީސްގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގއ. ވިލިނގިލިން ކުއްލި ހާލަތުގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް، އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއް މިއަދު ވަނީ ނިޔާވެފައެވެ. މި ހާދިސާ އާ ގުޅުވައި ބައެއް މީހުން ތުހުމަތުކުރި ގޮތުގައި، އެ ފިރިހެން ކުއްޖާ މާލެ ނުގެނެވި 16 ގަޑިއިރުވަންދެން މަޑުކުރަން ޖެހުނީ ޑޯނިއާ ބޭނުންނުކުރުމުންނެވެ. އަދި ޑޯނިއާ ބޭނުންނުކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށް ބުނެ، ސަރުކާރަށް ފާޑުކިޔާފައި ވެސް ވެއެވެ.

މި ތުހުމަތުތަކާއި ފާޑުކިއުންތަކަށް ދެއްވި ރައްދުގައި ހާއްސާން ވިދާޅުވީ، ބަލިމީހުން އުފުލުމުގެ އޮޕަރޭޝަންތައް ހިންގުމަށްޓަކައި ސީދާ ރައީސަށް އެންގުމެއް، ނުވަތަ ރައީސް ހުއްދަ ދެއްވަން ނުޖެހޭ ކަމަށާއި، ބަލިމީހުން އުފުލުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އެކަމާ ގުޅުންހުރި އިދާރާތަކުގެ މެދުގައި ވާހަކަ ދެކެވި ރޭވިގެން ކަމަށެވެ.

"2021 އިން ފެށިގެން ސްޓެޓްސް އަށް ބަލާއިރު މެޑިކަލް އިވޭކުއޭޝަންގެ 93 ޕަސެންޓު [މަސައްކަތް] ކޮށްފައި ވަނީ މޯލްޑިވިއަން މެދުވެރިކޮށް،" ފޭސްބުކާއި އެކްސްގައި ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވިއެވެ.

ޣައްސާން މިހެން ވިދާޅުވީ، ނިޔާވި 13 އަހަރުގެ ކުއްޖާ އިރުއޮއްސުމުގެ ކުރިން މާލެ އަށް ނުގެނެވުނީ ރައީސްގެ ސީދާ ހުއްދަ ނުލިބިގެން ކަމަށް ބުނުމާ ގުޅިގެންނެވެ. މި ވާހަކަތައް ގުޅިފައި ވަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު މި ސަރުކާރު އައި ފަހުން ބޭނުންނުކުރާ މައްސަލައާއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ، ގްރޭޑް 7 ގައި ކިޔަވަމުން ދިޔަ އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާ އެންމެ ފުރަތަމަ ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހޮޑުލުމާ ގުޅިގެންނެވެ. އަދި ބޭސް ދިނުމަށްފަހު ޑޮކްޓަރު އެކުއްޖާ ގެއަށް ދޫކޮށްލި ފަހުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކުއްޖާގެ ހާލުދެރަވުމާ ގުޅިގެން އަނެއްކާވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ ކުއްޖާ އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކުއްްލިއަކަށް ނޭވާ ހުއްޓުމުގެ ސަބަބުން ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. އިތުރު ފަރުވާ އަށް އެ ކުއްޖާ މާލެ ފޮނުވުން ވެންޓިލޭޓަރަށް ލަސްވުމުން އެ ރަށުގައި އިހްތިޖާޖު ވެސް ކޮށްފައިވެއެވެ.