ވޭތުވެ ދިޔަ 15 ވަރަކަށް އަހަރުތެރޭގައި ގައުމުގެ އަސްކަރިއްޔާގެ ކުރިއެރުމާއި މިނިވަންކަން ދިފާއުކުރުމަށް ކުރަންޖެހިފައި އޮތް އެތައް ކަމެއް ނުކުރެވި ހުރުމުގެ ސަބަބުން އެތައް ނުރައްކަލަކަށް ގައުމު ހުށަހެޅުނުކަމުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
ރޭ ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އަސްކަރިއްޔާ ކުރިއެރުވުމަށް ވެފައިވާ އިހުމާލުގެ ސަބަބުން ދިވެހި ފަސްގަނޑުން ސީދާ ހަރަކާތްތައް ފެނިފައިވާކަމަށެެވެ. އެގޮތުން ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ދިވެހި ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ސީދާ އަސަރުކުރާ ފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ފަސޭހަކަމާއެކު ގައުމުގެ އިސްވެރިންނަށް ދިނުމުގެ ޖާގަ ލިބިފައިވާކަމަށް ގައްސާން ވިދާޅުވިއެވެ.
މިކަންކަމަށް އިހުމާލުވެވިފައިވަނީ ގައުމަށް ވުރެ އެހެން ކަންކަން އިސްކުރުމުންކަން ފާހަގަކުރައްވަމުން މިނިސްތަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައި ރައްޔިތުން ވެރިކަން ހަވާލުކުރެއްވި މިމައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަމާއެކު ކަމަށެވެ. މިއާއެކު ވައިގެ ބާރު އުފައްދަވައި އެއްގަމުގެ ބާރުގެ އިތުރުން މެރީން ކޯ ކުރިއަރުވަން މިހާތަނަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސިފައިންގެ މުއައްސަސާއަށް ފުރޭ ކޮންމެ އަހަރަކީ އިބުރަތް ހާސިލްކޮށް ކުރިމަގު ބައްޓަން ކުރުމަށް ލިބޭ ފުރުސަތެއްކަމުގެ މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއަދު ސިފައިންގެ މުއައްސަސާގެ އަހަރީ ދުވަސް ފާހަގަކުރާއިރު، ދިވެހިންނަކީ އަބަދުވެސް ގައުމު ދިފާއު ކުރުމުގެ ފަހުރުވެރި ތާރީހެއްއޮތް ރައްޔިތަކު ދިރިއުޅޭ ގައުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ އެއްވެސް އިރެއްގައި އިސްވެ ހަނގުރާމަކުރި، އަދި އެއްވެސް ގައުމަކާ ހަނގުރާމަކުރާނެ ބައެއް ނޫންކަމަށެވެ. ނަމަވެސް އަސްކަރީ ގާބިލިއްޔަތުކަން އިތުރުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް އަދުގެ ރައީސް ވެރިކަމާއި ހަވާލުވެވެޑައިގެން ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިފަދަ ކުރިއެރުންތަކަކީ މިނިވަން މުސްތަގިއްލު ކޮންމެ ގައުމަކުންވެސް ހޯދަންޖެހޭ ކުރިއެރުންތަކެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިނިވަންކަން ހިމާޔަތްވެފައި އޮތުމާއި އަމާން މުޖްތަމައެއް ގާއިމްވެފައި އޮތުމަކީ އިގްތިސާދީ ގޮތުން ފިކުރުކޮށްލި ކަމުގައިވިއަސް ގައުމުތަކާއި މެދު އިންވެސްޓަރުންގެ ޔަގީންކަން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.