ވެރިކަން ކުރަމުންދާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހަމަޖައްސައިފިއެވެ.

ޣައްސާނާއި ޝިޔާމް މި މަގާމަށް ހަމަޖައްސަން ނިންމީ ރޭ އެ ޕާޓީން ބޭއްވި ސެނެޓު ބައްދަލުވުމެއްގަ އެވެ.

123 މެންބަރުން ބައިވެރިވި މި ސެނެޓު ބައްދަލުވުމުގައި އެ ހުށަހެޅުން ހުށަހުޅުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި މު ހުށަހެޅުން ފާސްކޮށްފައި ވަނީ ސެނެޓުގައި ހިމެނޭ މެންބަރުންގެ އިއްތިފާގުންނެވެ.

މިއާއެކު އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި މިހާރު 8 ބޭފުޅުން ތިއްބަވާނެ އެވެ. އެއީ:

  • ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް
  • އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް
  • ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު
  • ޔޫއޭއީއަށް ކަނޑައަޅުއްވައިފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު

މީގެ އިތުރުން ވެސް ޕާޓީގެ އިސް ސަފުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ރަސްމީކޮށް ހިމެނުމަށާއި، އިތުރު ބައެއް އިދާރީ އިސްލާހުތައް ޕާޓީގެ ހިންގާ ގަވާއިދަށް ގެނައުމަށް ވެސް ރޭގެ ސެނެޓު ބައްދަލުވުމުގައި ފާސްކޮށްފައި ވެއެވެ.

ޕީއެންސީ ހިންގުމުގެ އިސް ސަފުގައި ހަރަކާތްތެރިވަމުންދަނީ ޕާޓީގެ ރައީސް، ރައީސުލްޖުމްހުރިއްޔާ މުހައްމަދު މުއިއްޒުގެ އިތުރުން ޕާޓީގެ ޗެއާޕާސަން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.