ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ގައްސާން މައުމޫން މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގައްސާން އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް، ގައްސާން މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވި ވަކި ހާއްސަ ސަބަބެއް މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ގައްސާން ވަނީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމާއި، ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. މީގެ އިތުރުން ރައީސް އޮފީހުގެ ޕޮލިސީ އިމްޕްލިމެންޓޭޝަން ޑިޕާޓްމެންޓްވެސް ގައްސާން ވަނީ ހިންގަވާފައެވެ.
ޑިފެންސް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ގައްސާން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ތާ ކޮޅުމަޑުލު، ގުރައިދޫ ދާއިރާގެ މެންބަރުގެ މަގާމުގައެވެ. ގައްސާން އިސްތިއުފާ ދެއްވުމާ ގުޅިގެން، ޑިފެންސް މިނިސްޓްރީއާ އަލަށް ހަވާލުވެވަޑައިގަންނަވާނެ ބޭފުޅެއް ސަރުކާރުން އަދި އިއުލާނެއް ނުކުރެއެވެ.
