ފާގަތި މުސްތަގުބަލެއް ހޯދުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅައި ތަރައްގީވަމުން އަންނަ ޤައުމުތަކުން މަސައްކަތް ކުރަންޖެހޭކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ޔުގެންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ތަގްރީރުކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ވަކި ބައްރަކަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމަށެވެ. ލިބިފައިވާ މަދު ވަސީލަތްތަކާއެކު މީގެ ގެއްލުންތަކާ އެންމެ ބޮޑަށް ކުރިމަތިލާންޖެހެނީ ތަރައްގީވަމުން އަންނަ ގައުމުތަކަށްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އަދުގެ ދުނިޔޭގައި ކުރިމަތިވަމުން އަންނަ އައު މައްސަލަތަކާ ކުރިމަތިލުމުގައި ނާމްއިން ގުޅުންތައް އިތުރަށް ވަރުގަދަކޮށް މަސައްކަތް ކުރުމުގެ މުހިންމު ކަމަށެވެ.

އަދުގެ ދުނިޔޭގައި އިންސާނުންނަށް ލިބިފައިވާ ކުރިއެރުންތަކެކޭ އެއްގޮތަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަ ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އިންސާނުން ހޯދަމުންދާ ކުރިއެރުންތަކާއެކު ދުނިޔެއަށް އިތުރު ކުރިއެރުމާއި ފާގަތިކަން އަންނަމުންދާ ކަމަށެވެ، އެހެންނަމަވެސް ހަމަ އެފަދައިން ހަނގުރާމަތަކާއި ކާރިސާތަކުގެ ސަބަބުން މުޖުތަމައުތައް ނުތަނަވަސްކަމާއި ބިރުވެރިކަމާ ކުރިމަތިލާން ޖެހޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ނައިބު ރައީސް ވިދާޅުވީ ގާޒާގެ އެތައްހާސް ބަޔަކު ޝަހީދުކޮށްލައި ހިންގަމުންދާ ކަންކަމާހުރެ ގާޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަދި ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންގެންދާ އުދުވާންތައް ރާއްޖެއިން ކުށްވެރިކުރާކުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ.

މި އުދުވާންތަކަކީ ގަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އުދުވާންތަކެއްކަން ފާހަގަކުރައްވައި، ނައިބު ރައީސް ވަނީ ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް އިޒްރޭލުގެ މިއަމަލުތަކަކީ ގަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އަމަލުތަކެއްކަން ސާބިތުކުރުމަށް މައްސަލަ ހުށަހަޅާފައިވާތީ އެކަމަށް ތައުރީފުކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލުމަށާއި ދާއިމީ ސުލްހަވެރި މަގެއް ހޯދުމަށް ގޮވާލާ ގޮވާލުމުގައި އެއްބާރުލުން އިތުރުކޮށް، އެކަންކަމަށް ބާރުއަޅައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ގޮވާލައްވާފައެވެ.

އިތުރުން އެމަނިކުފާނު ވަނީ އ.ދ. އާއި އ.ދ. ގެ ސަލާމަތީ މަޖިލިސް އިސްލާހުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަގްވާމީ ބަދަހިކަމާއި ގުޅުމުގެ ތެރެއިން ސަލާމަތާއި ސުލްހަ މަސަލަސްކަން ކަށަވަރުކުރުމާއެކު ފާގަތި މުސްތަގްބަލަކަށް އަމާޒުކޮށް މަސައްކަތްކުރުމުގައި ނާމްގެ މުހިންމު ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އިތުރަށް ނައިބު ރައީސް ވިދާޅުވީ މާޔޫސްކަމުގެ ބަދަލުގައި އުންމީދު ގެނެސްދިނުމާއި، ހަނގުރާމަތަކުގެ ސަބަބުން ދުނިޔެއަށް ފެތުރެމުންދާ ބިރުވެރިކަމުގެ ބަދަލުގައި ސުލްހަ ގެނެސްދިނުމާއި އަދި ނާޒުކު ހާލަތްތަކުގެ ބަދަލުގައި ވިލުންތެރިކަން ފަތުރައިދިނުން ފަދަ ބަދަލުތައް ދުނިޔެއަށް ގެނައުމުގައި ހުއްޓުމެއްނެތި މަސައްކަތްކުރުމުގައި ނާމް ދެމިއޮންނަންޖެހޭ ކަމަށެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ މުޅި ބައިނަލްއަގްވާމީ މުޖުތަމަ އާއި ތަފާތު ގައުމުތައް އެކުވެގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރާ ގޮތްކަމުގައެވެ.