ދުނިޔޭގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާއެކު އދ ގެ ހިންގުމުގެ ނިޒާމު އިސްލާހުކޮށް ސަލާމަތީ މަޖިލީހުގައި އޮތް ބޭއިންސާފު ވީޓޯގެ ބާރު އުވާލުމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް މިފަދައިން ގޮވާލައްވާފައިވަނީ އދ ގެ 81 ވަނަ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެގޮތުން ނައިބު ރައީސް ވިދާޅުވީ ސަލާމަތީ މަޖިލިސް ފުޅާކޮށް ކުދި ޖަޒީރާ ދައުލަތްތަކަށް ހާއްސަ ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަކީ މިއަދު މަޖުބޫރު ކަމެއް ކަމަށެވެ.
ނައިބު ރައީސްގެ ތަގުރީރުގައި ފާހަގަކުރެއްވި ގޮތުގައި ސަލާމަތީ މަޖިލީހުން މިއަދުގެ ދުނިޔޭގެ މުހިންމު ނިންމުންތައް ނިންމާއިރު 1945 ވަނަ އަހަރުގެ ދުނިޔެ ރަމްޒެއް ނުކުރެވޭނެއެވެ. އެހެންކަމުން ބޮޑު ފަސް ގައުމަށް އެކަނި ލިބިފައިވާ ވީޓޯ ކުރުމުގެ އިމްތިޔާޒު އުވާލާ އެފްރިކާގެ ގައުމުތަކާއި ކުދި ޖަޒީރާ ދައުލަތްތަކުގެ ތަމްސީލުވުން އެ މަޖިލީހުގައި އިތުރުކުރަންޖެހޭކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ އދ އިސްލާހުކުރުމުގެ މަސައްކަތް ދެފުށް ފެންނަ ގޮތަށް އަދި ހުރިހާ މެންބަރު ދައުލަތްތަކުގެ އިސްނެގުމާއެކު ކުރިއަށްގެންދަން ޖެހޭކަމަށާއި، އެމެރިކާ، ރަޝިއާ، ޗައިނާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތަށް އެކަނި އޮތް ވީޓޯގެ ބާރު އުވާލަން ޖެހޭކަމަށެވެ.
މީގެއިތުރުން ސަލާމަތީ މަޖިލީހުގެ ދާއިމީ އަދި ދާއިމީ ނޫން ގޮނޑިތައް ފުޅާކޮށް ކުދި ޖަޒީރާ ގައުމުތަކަށް ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.
އދ ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު، ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އިސްވެ ހުންނެވި ދިވެހި ވަފުދުން ވަނީ މަޖިލީހުގެ މާލަން ދޫކޮށް ނިކުމެފައެވެ.
ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ދަށުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރެއެވެ.
އދ ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވި ނައިބު ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުންތަކުގެ ހަވާސާގައި ނައިބު ރައީސް ދަނީ އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދޭދޭ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވަމުންނެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 26 ގައެވެ.
