ގާނޫނުތައް ތަންފީޒު ކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބޭނީ ހުރިހާ ގާނޫނުތައް އެކުއެކީގައި މުރާޖައާ ކޮށްގެން ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވީ "ގަޟައީ އަހަރު 2024" އިފްތިތާހު ކުރުމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މުއުތަސިމް ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުލަވާފައިވާ ގޮތުން ތަންފީޒު ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން މި ގާނޫނުތައް އެކުލަވާލުމުގައި ގާނޫނު ހަދާ މަޖިލީހުން ހާސިލްކުރަން ބޭނުންވި މަގުސަދު ހާސިލްނުވެ މައްސަލަތައް ލަސްވެ، ފުނިޖެހޭ ގޮތް މެދުވެރިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެ ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ދަތިތަކަކީ ކޮބައިކަން ޝަރުއީ ދާއިރާގެ އެހީތެރިކަމާއެކު ދެނެގަންނަންޖެހޭ ކަމަށް މުއުތަސިމް ވިދާޅުވިއެވެ. އަދި ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތަކަށް އެންމެ އެދެވޭ ހައްލެއް ލިބިގެންދާނީ މަދަނީ އިޖުރާއަތުގެ ގާނޫނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުއެކީގައި މުރާޖާކޮށް، އިސްލާހު ކުރެވިގެން ކަމުގައި މުއުތަސިމް ވަނީ ވިދާޅުވެފައެވެ.
ގާނޫނުތަކަށް ގެނެވޭ އިސްލާހީ ބަދަލުތައް ގެނައުމުގައި ޝަރުއީ ދާއިރާއިން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް މުއުތަސިމް ވަނީ ދެއްވާފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް މުރާޖާ ކުރުމަށް މިހާރުން މިހާރަށް ބަދަލު ގެންނަން ޖެހޭ އެންމެ މުހިންމު ކަމަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާގެ އިދާރީ ހިންގުމުގެ ނިޒާމު ބައިނަލްއަގްވާމީ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ތަރުތީބު ކުރުން ކަމުގައި ދެކިލައްވާ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.
މުއުތަސިމް ވިދާޅުވީ ފާއިތުވި އަހަރު ކްރިމިނަލް ކޯޓަށް 854 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ. ނަމަވެސް އެ ކޯޓު ހިންގަމުން އަންނަ އިމާރާތް ބާވެ، މީހުން ހާޒިރުކޮށް މަސައްކަތް ކުރުމަށް އެކަށީގެންވާ އިމާރާތަކަށް ނުވާތީ، ކްރިމިނަލް ކޯޓުގެ މަސައްކަތްތަކާއި ޝަރީއަތްތައް ހުއްޓިފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޯޓުން ކޮންމެހެން ނެރެން ޖެހޭ އަމުރުތައް ނެރުމަށްޓަކައި މީހުން ހާޒިރުކުރާނެ، ފަނޑިޔާރުން އިށީނދެވަޑައިގަންނަވާނެ، އަދި މުވައްޒަފުން ތިއްބަވާނެ ތަނެއް ނެތްކަން މުއުތަސިމް ފާހަގަކުރެއްވިއެވެ.
ކްރިމިނަލް ކޯޓުގެ މަސައްކަތްތަކާއި ޝަރީއަތްތައް ހުއްޓިފައިވާ ކަން އޭނާ ފާހަގަ ކުރައްވާ މުއުތަސިމް ވިދާޅުވީ އެކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމު ހުއްޓި އެ ކަމުގެ ސަބަބުން މުޖުތަމައުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި ނަތީޖާއަކީ ޖިނާއީ ހުރިހާ މައްސަލަތައް މާލޭގައި މިވަގުތު ހުއްޓިފައިވުން ކަމަށާއި އެ ކަމަށް މިހާރުން މިހާރަށް ދައުލަތުގެ އެންމެހާ ފަރާތްތަކުން ގުޅިގެން އަވަސް ހައްލެއް ހޯދައިދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.