ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޔޫގަންޑާ އަށް ފުރާވަޑައިގެންފިއެވެ.
މިހާރު ޔޫގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނާމްގެ 19 ވަނަ ސަމިޓުގައި ބައިވެރިވާ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނައިބު ރައީސް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މި ބައްދަލުވުމުގައި ނައިބު ރައީސް ތަގުރީރުކުރައްވާނެ ކަމަށް، ރައީސް އޮފީހުން ބުންޏެވެ.
1961 ވަނަ އަހަރު އުފެއްދި ނާމްގެ މެންބަރަކަށް ރާއްޖެ ވީ 1976 ވަނަ އަހަރުގައެވެ.
ނާމްގައި މިހާރު ކުރިއަށްދާ ސަމިޓުގައި ބައިވެރިވާ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އިތުރުން،، 'ގްރޫޕް އޮފް 77 އެންޑް ޗައިނާ' (ޖީ77) ގެ ދަށުން ބާއްވާ ސަމިޓުގައި ވެސް ބައިވެރިވެވަޑައިގެން، އެ ސަމިޓުގައި ވެސް ނައިބު ރައީސް ތަގުރީރުކުރައްވާނެ ކަމަށް، ރައީސް އޮފީހުން ބުންޏެވެ.