އުންމީދަކީ ރާއްޖެއަކީ މިސަރަހައްދުގައި އަދި ދުނިޔޭގައި ވެސް އައިޓީ ބޮޑު ހަބަކަށް ވެގެންދިޔުން ކަމަށް މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ހަފްތާ 14ގެ މަގުޗާޓުގައި ޔޫތު މިނިސްޓްރީއަށް މަތިކޮށްފައިވާ ތިން ސިޔާސަތުގެ ތެރެއިން ދެ ސިޔާސަތު ފެއްޓުމުގެ ގޮތުން "ފަންނިއްޔާތު"ގެ ނަމުގައި ރޭ ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިމަސައްކަތަކީ ފަންނިއްޔާތުގެ ދާއިރާއިން ދިވެހި އަންހެނުން އަދި ކޯޑިން ގެ ދާއިރާއިން ދިވެހި ޒުވާނުން ކުރިއަށް ދިއުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ފުރަތަމަ އެކްޝަން ޕްލޭންގެ މަސައްކަތް ކަމަށެވެ.

މިއީ މި ސިލްސިލާގެ އެންމެ ފުރަތަމަ ބިންގާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މި މަސް ތެރޭގައި އަދި އަންނަ މަހުގައި ވެސް އިތުރު ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ."މިއީ ދިގު ދެމިގެންދާ 5 އަހަރުގެ ބޮޑު ޕްލޭނެއް، ފަންނިއްޔާތުގައި ދިވެހި އަންހެނުން އަދި ދިވެހި ޒުވާނުން ނެރުމުގައި މިކުރާ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި އަޅާ ފުރަތަމަ ބިންގާ މިއަޅަނީ" ޔޫތު މިނިސްޓަރު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ދަށުން 5 އަހަރު ތެރޭގައި 500 ޒުވާނުން ތަމްރީނު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މަސައްކަތުގައި އެންމެ ފުރަތަމަ ފަށަނީ ސެޓްފިކެޓް ލެވަލް 3 އަކުން ކަމަށެވެ. އަދި އެއަށްފަހު އެޑްވާންސް ސެޓްފިކެޓް އަދި ޑިޕްލޮމާގެ އިތުރުން ބެޗްލާސް ޑިގްރީސް އާ ހަމައަށް މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި އެކްޝަން ޕްލޭންގެ ދަށުން ތަމްރީނުކުރެވިގެންދާ ޒުވާނުންނަކީ ވަޒީފާއެއްގެ ގޮތުގައި އޮފީހުގެ ޑެސްކު ކައިރީ މަސައްކަތްކުރަން ތިބެންނުޖެހި ގޭގައި ވެސް މަސައްކަތް ހޯދޭނެ ޒުވާނުންނަށް ވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ދިޔުމަށް ބޭނުންވާ ހުނަރު ތަރައްގީކޮށްދީ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ހާއްސަ ޕްލޭނެއް އެކުލަވާލުމާއި ފަންނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގައުމީ ހަރަކާތެއް ހިންގަން ފެށުމަކީ ޔޫތު ނިސްޓްރީގެ މައްޗަށް މަތިކޮށްފައިވާ ދެ ސިޔާސަތެވެ.