ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، "ހަފްތާރެސް" ޕްރޮގްރާމް ތ. ވޭމަންޑޫގައި ފަށައިފިއެވެ. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއިން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތަކީ ދައުލަތުގެ މުހިންމު އެތައް އިދާރާތަކެއް ގުޅިގެން ހިންގާ ބޮޑު މަޝްރޫއެކެވެ.
މި މަހުގެ 11 އިން 18 އަށް ކުރިއަށްދާ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ މުޖުތަމަޢުގެ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، އެކަކު އަނެކަކަށް އިހުތިރާމްކުރާ އަދި އޯގާތެރި މާހައުލެއް ގާއިމުކުރުމެވެ. މީގެ އިތުރުން، ރަށްރަށުގައި ހުރި އިޖުތިމާއީ ނޭދެވޭ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކޮށް، އެކަންކަން ހައްލުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މި ޕްރޮގްރާމްގައި ބާރުއަޅައެވެ.
މި ފަހަރުގެ ޕްރޮގްރާމްގައި ތ. އަތޮޅުގެ 7 ރަށަކުން ޖުމުލަ 21 ބައިވެރިން ތަމްރީނުވަމުންދެއެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ފިރިހެނުންނާއި 4 އަންހެނުންނެވެ. މި ބައިވެރިންނަކީ ވޭމަންޑޫ، ކަނޑޫދޫ، ހިރިލަންދޫ، އޮމަދޫ، މަޑިފުށި، ވިލުފުށި އަދި ގުރައިދޫ ތަމްސީލުކުރާ ފަރާތްތަކެވެ.
މި ޕްރޮގްރާމްގެ ދަށުން ތ. އަތޮޅުގެ 10 ރަށެއްގައި ހޭލުންތެރިކުރުވުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އެ ރަށްތަކަކީ:
- ވޭމަންޑޫ
- ތިމަރަފުށި
- ގާދިއްފުށި
- ދިޔަމިގިނލި
- ގުރައިދޫ
- ހިރިލަންދޫ
- ކިނބިދޫ
- އޮމަދޫ
- ކަނޑޫދޫ
- ވަންދޫ
މި ސެޝަންތައް ބަހާލެވިފައިވަނީ މުޖުތަމައުގެ އެކި ފަންތިތަކަށެވެ. އެގޮތުން މުދައްރިސުންނާއި ބެލެނިވެރިންގެ އިތުރުން، ގައުމުގެ ކުރިމަގު ކަމުގައިވާ ޒުވާނުންނަށް ހާއްސަ ސެޝަންތަކެއް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާނެއެވެ.
މި ޕްރޮގްރާމަކީ ގިނަ މުއައްސަސާތަކެއްގެ އެއްބާރުލުމާއެކު ކުރިއަށްދާ ޕްރޮގްރާމެކެވެ. މީގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، ނެޝަނަލް ސެންޓާ ފޯ ކައުންޓާ ޓެރަރިޒަމް އަދި މޯލްޑިވްސް ޕޮލިސް ސާވިސް ހިމެނެއެވެ. އަދި ވޭމަންޑޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ދަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިޖުތިމާއީ ރައްކާތެރިކަމާއި، މުޖުތަމައުގެ ބަދަހިކަމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ސިފަކުރެއެވެ.
