2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން ސެޓިފައިޑް 2 ޕެރަ ކްލެސިފަޔަރުން ތަމްރީނުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ސަރަހައްދީ ގައުމުތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "ރީޖަނަލް ކްލެސިފިކޭޝަން ވޯކްޝޮޕް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މާލޭ ޔޫތު ހަބުގައި ކުރިއަށްގެންދާ މި ވޯކްޝޮޕަކީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ކުޅިވަރު ވުޒާރާގެ އިތުރުން ކޮރެއަން ޕެރަލިމްޕިކް ކޮމިޓީ (ކޭޕީސީ) ގެ އެހީތެރިކަމާއެކު އިންތިޒާމުކޮށްފައިވާ ވޯކްޝޮޕެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ޕެރަ ކްލެސިފިކޭޝަން ސިޔާސަތުގެ ދަށުން ސްކޫލްތަކާއި ސިއްހީ ދާއިރާގެ މުއައްސަސާތައް ގުޅިގެން ސަރަހައްދީ 7 ހަބެއް އުފެދިގެންދާނެ ކަމަށެވެ. އަދި މި ވޯކްޝޮޕްގެ ސަބަބުން ކޮންމެ އަތޮޅެއްގައި 2 ކްލެސިފަޔަރުން ބިނާކުރުމުގެ މަގުޗާޓަށް އަމަލީ ސިފަ އަންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާތަނަށް ރާއްޖޭގައި ސެޓިފައިޑް ކްލެސިފަޔަރުން ނެތުމުގެ ސަބަބުން، ލޮލަށް ނުފެންނަ އެތުލީޓުންނާއި، ވީލްޗެއާ ބޭނުންކުރާ އެތުލީޓުން އަދި އަޑުއިވުމުން މަހުރޫމުވެފައިވާ އެތުލީޓުންވެސް މުބާރާތްތަކުގައި ވާދަކުރަން ޖެހިފައިވަނީ އެއް ކެޓަގަރީއެއްގައެވެ. ނަމަވެސް، މި ވޯކްޝޮޕްގެ ތެރެއިން ތަމްރީނުވާ ކްލެސިފަޔަރުންގެ އެހީތެރިކަމާއެކު، ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް އެތުލީޓުންގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި، އެ އެތުލީޓަކު ފެތޭ ކެޓަގަރީތަކުގައި ހަމަހަމަކަމާއެކު ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ އައިޕީސީ ކްލެސިފިކޭޝަން މޮޑިއުލްތައް އޮންލައިންކޮށް އަމިއްލައަށް ދަސްކުރުމުގެ ސެޝަންތަކެކެވެ. ދެވަނަ ފިޔަވަހީގެ ގޮތުގައި ބާއްވާ އަމަލީ މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 18 އަށެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ސަރަހައްދުގެ އެކި ގައުމުތަކުން ބައިވެރިން ބައިވެރިވާނެ އެވެ. މި ވޯކްޝޮޕްގައި ކިޔަވައިދެއްވަނީ އީރާން، މެލޭޝިއާ، އިންޑިއާ އަދި ރާއްޖޭގެ ތަޖުރިބާކާރު ޑޮކްޓަރުންނެވެ.
މީގެ އިތުރުން، ނޭޕާލް، ޕާކިސްތާން، ބޫޓާން، ސްރީލަންކާ އަދި ބަންގްލަދޭޝްގެ މަންދޫބުންނާއި ފެސިލިޓޭޓަރުންވެސް މި ވޯކްޝޮޕްގައި ބައިވެރިވެއެވެ.
