އައިފިލްމްސް ގެ ފުރާޅުގެ ދަށުން ގެނެސްދޭ ފުރަތަމަ ބިރުވެރި ފީޗާ ފިލްމު "ކަންބަޅި" އަންނަ މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު ފިލްމުގެ ޓީމުން ސްނެޕްޗެޓަށް އާ ފިލްޓާއެއް ތައާރަފްކޮށްފިއެވެ.
މި ފިލްޓާއަކީ ފިލްމުގެ ކެރެކްޓަރުން ޕޯސްޓަރުތަކުގައި ހުރި ގޮތާ ދާދި އެއްގޮތް ފިލްޓާއެކެވެ. ފިލްޓާގައި ފިލްމުގެ ނަމުގެ އިތުރުން ދެ ދަޅު ހުއްޓެވެ. އަދި ދެ ދަޅާ މޫނު ހެޔޮވަރުކުރުމަށްފަހު ސްނެޕެއް ނަގާލަންވީއެވެ. ދާދިފަހުން ފިލްމުގެ ކެރެކްޓާތަކުގެ ޕޯސްޓަރު އާންމުކޮށްފައިވާއިރު އެ ޕޯސްޓަރުތަކުގައި ވަނީ ކެރެކްޓަރުންނަށް ކިޔާ ނަން ވެސް އާންމުކޮށްފައެވެ. މި ފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) އާއި އިފްނާޒް ގުޅިގެން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގައި އިފްނާޒް އެކްޓްވެސް ކުރާނެއެވެ. މި ފިލްމުގެ ޓްރެއިލާ ވަނީ މިހާރު ބެލުންތެރިންނާ ހަމައަށް ދޫކޮށްލާފައެވެ. މި ފިލްމުގެ ޓްރެއިލާ އިން ފެނިގެންދަނީ ބަޔަކު ވެގެން "ކަންބަޅި" ހޯދަން ކުރާ މަސައްކަތެވެ. "ކަންބަޅީ" އަކީ ކޮން އެއްޗެއްކަން އެމީހުންނަށް ނޭނގޭ ހާލު އެ ހޯދަން މަސައްކަތްކުރާއިރު ފިލްމުގެ ލީޑުންގެ ގޮތުގައި ނުޒުހަތު ޝުއައިބު، ވާޝިޔާ މުހައްމަދު، ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އަދި އިފްނާޒް ފެނިގެންދާނެއެވެ. ހަމައެއާއެކު ފިލްމަށް އަލަށް ތައާރަފްވާ އުމުރުން ހަ އަހަރުގެ ސާރާގެ މުހިއްމު ރޯލެއް ފިލްމުން ފެނިގެންދާނެއެވެ.
މި ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނެ ތަރިންނަކީ ތާތި އާދަމް، މުޙައްމަދު އަފްރާހް، މޫސާ އަލީފް، ހާޒިފް މުހައްމަދެވެ. އަދި ފިލްމުން ދިވެހި ފިލްމު އިންޑަސްޓްރީއަށް އަލަށް ތައާރަފްވާ ތަރިންގެ ތެރޭގައި މުހައްމަދު އިޝްފާން، އަލީ ނަދީހް (ޗަންނަ)، މުހައްމަދު ނަޖަހް އަހުމަދު ރައޫފް، ހުސައިން ސާމިހް މުހައްމަދު، ވިކީ، ފާތުމަތު ލަތީފާ އަދި ދީނާ އަހްމަދު (ޖެރީ) ފެނިގެންދާނެއެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިއްލެ އާއި އާސިމް އަލީއެވެ. އިއްލެގެ ތިން ފީޗާ ފިލްމެއް ވަނީ މިހާތަނަށް ނުކުމެފައެވެ. އެއީ "ބަވަތި"، "ނީނާ"، "ފްރީ ޑެލިވަރީ" އެވެ. ޝަހީދު ލެގަސީ މިއުޒިކް ހަދާ މި ފިލްމުގެ ކެމެރާމަން އަކީ ޒުވާން ކެމެރާމަން ޝިވާޒް (މާސްކޭ)އެވެ.
ކަންބަޅި ފިލްމުގެ ސްނެޕް ފިލްޓާ ޓްރައިކޮށްލަންވާނެއެވެ.