ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނެރުމުގެ އުސޫލު އިފްތިތާހްކޮށްފިއެވެ.

އެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން، އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުސޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖައްސުމަށް ކަނޑައަޅާފައިވާ އުސޫލު އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ސަރުކާރުގެ 14 ހަފްތާ މަގުޗާޓުގައި ހިމަނައިގެން ކުރި މި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އަނބުރާ ހިދުމަތަށް ނުކުންނަން ބޭނުންވެފައި ތިބި މީހުންނަށް އެ ފުރުސަތު ފަހިކޮށް ދިނުމަކީ ލާޒިމް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސިއްހީ ހިދުމަތުން ދުރުވެފައި ތިބި ގިނަ ބަޔަކާ މުއާމަލާތް ކުރެވުނުކަން ހަލީލްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. ހަލީލް ވިދާޅުވި ގޮތުގައި އޭގެތެރެއިން ގިނަ މީހުންނަކީ ހިދުމަތްކޮށްދޭން ބޭނުންވި ނަމަވެސް އޭރު ދިމާވި އާއިލީ ނުވަތަ އެހެން ވެސް ސަބަބުތަކަށްޓަކައި ހިދުމަތާ ދުރުވި، އަދި މިހާރު އެނބުރި ހިދުމަތަށް ނިކުތުމަށް ބޭނުންވާ މީހުންނެވެ.

ހަލީލް އިތުރަށް ވިދާޅުވީ ގައުމަށް ހިދުމަތް ކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ދޮރު ހުޅުވާފައި ބެހެއްޓުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވާ ކަމަށެވެ. އަދި ރައީސް ބޭނުންފުޅުވެލައްވަނީ މިފަދަ ކަންތައްތަކުގެ ތެރެއިން އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އުސޫލުގެ ސަށުން މާގަކަށް މީހަކު ހަމަޖައްސާނީ އިދާރާގެ އޮނިގަނޑުގައި އޮތް މަގާމަކާ ގުޅިގެން ދެނެގަންނަންޖެހޭ މައުލޫމާތުތައް ދެނެގަތުމަށްފަހު، ހެލްތް މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީއިން ކަނޑައަޅާ އިދާރާއެއްގެ ޕޮލިސީ ލެވެލްގެ މަޝްވަރާއެކު ނިންމަވާގޮތެއްގެ މަތިންނެވެ.