ދިވެހި ސިފައިންގެ އަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި ބޭނުންވާ ޒަމާނީ އުޅަނދުފަހަރާއި ވަސީލަތްތައް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށް، ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނީ، މިފަދަ އުޅަނދުފަހަރާއި ވަސީލަތްތައްތައް ސިފައިންނަށް ހޯދައިދިނުމުގެ މަސައްކަތް ފަށާފައި ވަނީ، ސިފައިންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފަޔާއި ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ދިވެހީންނާއި ރާއްޖޭގެ މުޅި ސަރަހައްދާއި ގައުމީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމާއި އެކި ކާރިސާތަކާއި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމަކީ ދިވެހި ސިފައިންގެ މައްޗަށް ވާޖިބުވާ ކަންކަމެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، ބަދަލުވަމުންދާ ސަލާމަތީ މަޝްރަހުގައި ކުރިމަތިވާނެ ގޮންޖެހުންތަކާއި ކޮންމެ ނުރައްކަލަކާ ކުރިމަތިލުމުގެ ގާބިލުކަން ލިބިފައިވާ އަސްކަރިއްޔާ އަކަށް ރާއްޖޭގެ ދިފާއީ ބާރު ހެދުމަށްޓަކައި މި ސަރުކާރުން އިސްކަންދީ، އެހީތެރިކަން ދެމުން ގެންދާނެ ކަމަށެވެ.

ދިވެހި ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތަކެއް ގަތުމަށް ތުރުކީގެ ކުންފުންނަކާ އެކު ސޮއިކޮށް، ސަރުކާރުން ވަނީ އެކަމަށްޓަކައި ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު، ނުވަތަ 569.8 މިލިއަން ރުފިޔާ ހަމަޖައްސާފައެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.

އެކަމަކު ޗައިނާގެ ދަތުރުފުޅު ނިންމަވާލައްވައި މިދިޔަ ހޮނިހިރު ދުވަހު އަނބުރާ ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފަދަ ޑްރޯންތަކެއް ހޯދަން އުޅޭ ކަމުގެ އިޝާރާތެއް ދެއްވައިފައެވެ.

"އަޅުގަނޑު ދެންމެ މި ދެންނެވި ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ސާވޭލަންސް، އެ ސަރަޙައްދު އަބަދާއި އަބަދު ބެލެހެއްޓޭނެ ފެންވަރަށް އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަން، އަމިއްލަ ކެޕޭސިޓީ ގާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ގާއިމުކުރާނަން، މި ބޮޑު ސަރަޙައްދު ބެލެހެއްޓޭ ގޮތަށް،" އެމަނިކުފާނު ވިދާޅުވިއެވެ.