ސީއެޗްއެސްސީގެ ޕްރިންސިޕަލަކަށް އިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ހުންނެވި ޒުހުދުލް ހައްގު (ޒުހުދު) ހަމަޖައްސައިފިއެވެ.

ޒުހުދު އެ މަގާމު ދީފައި މި ވަނީ ކުރިން ސީއެޗްއެސްއީގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި އައިޝަތު ސޮފޫރާ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރުމުންނެވެ. ސަފޫރާ ވަނީ 19 އަހަރު ވަންދެން ސީއެޗްއެސްސީގެ ޕްރިންސިޕަލްގެ މަގާމު އަދާ ކުރައްވާފައެވެ.

ޒުހުދު އަކީ ތައުލީމީ ދާއިރާގައި 15 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭންމެ ފުރަތަމަ މި ދާއިރާއާ އެނާ މަސައްކަތް ކުރައްވަން ފެއްޓެވީ 2008 ވަނަ އަހަރު ދަރުމަވަންތަ ސްކޫލުގެ ހިސާބު ޓީޗަރެއްގެ ގޮތުގައެވެ. އެއަށްފަހު އިމާދުއްދީން ސްކޫލުގެ ލީޑިން ޓީޗަރެއްގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެއްވުމަށްފަހު 2021 ވަނަ އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމަށް ވަޑައިގެންނެވިއެވެ.

އޭނާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބެޗްލާސް އިން ފިޒިކްސް އެންޑް މެތްސް އަދި މާސްޓާސް އިން ލީޑާޝިޕް އެންޑް މެނޭޖްމެންޓް ދާއިރާއިން ތައުލީމު ހާސިލް ކުރައްވައިފައެވެ.

ސީއެޗްއެސްސީގެ ޕްރިންސިޕަލްގެ މަގާމަށް އޭނާ ހަމަޖައްސުމާއެކު މިއަދު އޭނާ ވަނީ އެ ސްކޫލަށް ވަޑައިގެންފައެވެ. އަދި އޭނާއަށް އެ ސްކޫލުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.