މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް، މިހާރު ޕަންޕް ސްޓޭޝަންގެ ހުރި ކެޕޭސިޓީ 4 ގުނައަށް އިތުރުކުރުމަށް ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މަޝްވަރާކުރެވިފައިވާ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އެއް މައްސަލަކަމުގައިވާ، މާލެގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މަތީން ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް މިހާރު އޮތް ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމް 2 ގުނައަށް އިތުރުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

ސްޓޯމް ވޯޓާ ސިސްޓަމް މާލޭގެ އުތުރު ފަރާތާ ދެކުނު ފަރާތުގައި ގާއިމުކޮށްފައިވާއިރު، މަތީން ވިދާޅުވީ މާލޭގެ ދެކުނު ފަރާތުގައި، އަމީނީ މަގާއި ބުރުޒުމަގުގައި އަދި އުތުރު ފަރާތުގެ ކަނބާ އައިސާރަނި ހިނގުމާއި ޝަހީދު އަލީ ހިނގުމުގައި ގާއިމުކޮށްފައިވާ ގާތްގަނޑަކަށް 16 ޕަންޕް ސްޓޭޝަނާ، 218 ޕޮއިންޓުން ފެން ކަލެކްޓް ކުރާކަމަށެވެ. އަދި ކެޕޭސިޓީއަށް ބަލާނަމަ ގަޑިއެއްގެ ތެރޭގައި 400 ކިޔުބިކު މީޓަރުގެ ފެން ކޮންމެ ޕަންޕް ސްޓޭޝަނަކުން ނެގޭނެކަމަށް މަތީން ވިދާޅުވިއެވެ.

މީގެއިތުރުން މަތީން ވިދާޅުވީ މިހާރު މިއޮތް ސްޓޯމް ވޯޓާ ސިސްޓަމުން 1 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 5000 ކިޔުބިކް މީޓަރުގެ ފެން މަގުން ނަގޭ އިރު އެއީ ފުދޭ ވަރެއްގެ ބޮޑު އަދަދެއްކަމަށެވެ. އެހެންނަމަވެސް އެ ސިސްޓަމް ޑިޒައިން ކޮށްފައި އޮތީ ވާރޭވެހި ފެންގަނޑު ސެޓަލްވުމުން އެފެންގަނޑު ހުސްކޮށްލާ ގޮތައްކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ މިހާރު ސްޓޯމް ވޯޓާ ސިސްޓަމް ގާއިމްކުރެވިފައި ވަނީ 2 ގަޑިއިރެއްހާއިރުގެ ތެރޭގައި ފެންގަނޑު އެއްކޮށް ހިއްކާލެވޭވަރަށް ކަމަށެވެ.

މާލޭގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ މިކަމުގައި އެމްޑަބްލިއުއެސްސީން މައިގަނޑު ގޮތެއްގައި ކުރަނީ މިހާރު އޮތް ސިސްޓަމް ޑިޒައިންކޮށް، މެއިންޓަނެންސްކޮށް އަދި އޮޕަރޭޝަންސްގެ މަސައްކަތް ކަމަށެވެ.