ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސޯ (އިޓްލޮސް)އިން ކޮށްފައިވާ ހުކުމް (ޗާގޯސް މައްސަލަ) ދިރާސާކޮށް އެކުލަވާލާ ފައިނަލް ރިޕޯޓް އަންނަ މަހުގެ ފަހުކޮޅު ނިމޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަން ފާހަގަ ކުރައްވާފައެވެ.

އިޓްލޮސްއަށް މައްސަލަ ހުށަހެޅުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ އެ ކޮމިޓީއިން ކުރަމުންދަނީ މި މައްސަލައާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކެއް ރިވިއު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ މޯލްޓާގެ ޕްރޮފެސާގެ ކަރުދާހެއް ތައްޔާރުކުރަމުންދާ ކަމަށާއި އެ ކަރުދާހުގެ ފުރަތަމަ ކޮޕީ އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހަށް މިހާރު ލިބިފައިވާ ކަމަށެވެ.

އެ ޕްރޮފެސާ އަދި އިތުރު އެކްސްޕާޓުންގެ ރިޕޯޓްތަކަށް ބަލާ ތައްޔާރުކުރާ ފައިނަލް ރިޕޯޓް އަންނަ ފެބްރުއަރީ މަހުގެ ފަހުކޮޅު ކެބިނެޓްއަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފޮރިން މިނިސްޓްރީގެ އިސްބޭފުޅުންނާއި ރައީސް އޮފީހުގެ އިސްބޭފުޅުން ކަމަށެވެ. އަދި ޗީފް އޮފް ސްޓާފް ބައިވެރިވެލައްވާ ކަމަށާއި އެ ކޮމިޓީގައި ޑިފެންސް މިނިސްޓްރީގެ ބައިވެރިވުން ވެސް އެބައޮތް ކަމަށެވެ،

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅުމުގައި އިޓްލޮސްއިން ނިންމާފައި ވަނީ ފުށޫއަރާ ބައި ކަނޑައަޅައި އިކުއިޑިސްޓެންސްގެ ދަށުން ބަހާލުމަށެވެ. އިކުއި ޑިސްޓެންސްގެ ދަށުން ފުށުއަރާ ސަރަހައްދު ބަހާލުމުން މައްސަލަ ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައިހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވެފައިވީ ނަމަވެސް އިކުއި ޑިސްޓެންސްކޮށް އެ ސަރަހައްދުން ބަހާލުން އޭރުގެ ސަރުކާރުން ސިފަކޮށްފައި ވަނީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައެވެ.