ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުންދާ އެއާޕޯޓުތަކުން ލިބެން ހުންނަ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ދަތުރުފަތުރު ކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ދެއްވައިފިއެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މުވައްޒަފުންނާ މުހާތަބުކުރައްވައި މުބީން ވިދާޅުވީ، މީގެ ތިން އަހަރު ކުރިން އެ ކުންފުނި އުފައްދައި، އެ ކުންފުނީގެ ދަށަށް އެއާޕޯޓުތައް ބަދަލުކުރި އިރު އެއާޕޯޓުތަކުގެ ހާލަތު ދަށް ކަމަށާއި، ނަމަވެސް ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.

މުބީން ފާހަގަކުރެއްވި ގޮތުގައި:

  • ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް ހުރިހާ އެއާޕޯޓެއް ވަނީ ފައްތާފައި
  • އެއާޕޯޓުތަކުގެ ސެކިއުރިޓީ ވަނީ އިތުރަށް ތަރައްގީކުރެވިފައި
  • އިންހައުސް ޓްރެއިނިން ދެވޭ ފެންވަރަށް މުވައްޒަފުން ވަނީ ބިނާކުރެވިފައި

އެއާޕޯޓުތަކުން ލިބެން ހުރި ހިދުމަތްތައް ފުޅާކުރެވުނު ނަމަވެސް، އެ ކުންފުނިން ހިންގަމުންދާ ބައެއް އެއާޕޯޓުތަކުގައި ނަމާދު ކުރާނެ ކޮޓަރި އާއި މައިންނަށް ބޭނުންވާ ކޮޓަރި ފަދަ އަސާސީ ބައެއް ފެސިލިޓީތައް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ދޮރާށިތަކުން ދަތުރުކުރާ އެންމެހާ ފަރާތްތަކަކީ ހަމަ ގައިމު ވެސް މިކުންފުނި ދެމިއޮތުމަށް އެންމެ ބޮޑު އެހީއެއްދޭ އެއްފަރާތް ކަމުން، އަޅުގަނޑުމެންނަށް ކުރާ އިތުބާރާއި ޔަގީންކަމަށް ޝުކުރު އަދާކުރަން، އަދި އިރާދަކުރެއްވިއްޔާ އެއާޕޯޓުތަކުގެ ހިދުމަތްތައް މިހާރަށް ވުރެ ފުޅާކޮށް، ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ އެންމެހާ ޙިދުމަތްތައް އަޅުގަނޑުމެންގެ އެއާޕޯޓުތަކުގައި ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އެންމެހާ ފަރާތްތަކަށް އަރުވަން،" މުބީން ވިދާޅުވިއެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކީ ޖެނުއަރީ 11، 2021 ގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުން އުފައްދަވާފައިވާ، ސަރުކާރުގެ ފުރިހަމަ ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. މިއަދާ ހަމައަށް އެ ކުންފުނީގައި 500 އަށް ވުރެ ގިނަ ދިވެހިން މަސައްކަތްކުރަމުން ދެއެވެ.